135 ރަށެއްގައި ކުނިކޮށި އެޅުމުގެ މަސައްކަތް ކުރިއަށްދަނީ، 21 މަޝްރޫޢެއް ނިމިއްޖެ

ރާއްޖޭގެ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، 135 ރަށެއްގައި މިފަދަ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މީގެ ތެރެއިން 21 ރަށެއްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މީގެ ކުރިން ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކޮށްފައިވާ ހަތް ރަށެއްގެ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިހާރު ވަނީ އަލުން ހުޅުވާފައެވެ. އެގޮތުން ނިޒާމު އަޕްގްރޭޑް ކުރެވުނު ރަށްތަކަކީ ފ.މަގޫދޫއާއި، ފ.ނިލަންދޫއާއި، ދ.ރިނބިދޫއާއި، ދ.ކުޑަހުވަދޫއާއި، ލ.ފޮނަދޫއާއި، ލ.މާމެންދޫގެ އިތުރަށް މ.ދިއްގަރެވެ.
މީގެ އިތުރުން، މުޅިން އަލަށް ކުނި މެނޭޖްކުރާ މަރުކަޒުތައް ބިނާކޮށް ނިމިފައިވާ 21 ރަށުގެ ތެރޭގައި މ. މުލި، މ. މުލަކު، މ. ކޮޅުފުށި، ތ. ބުރުނި، ތ. މަޑިފުށި، ތ. ގުރައިދޫ، ތ. ވަންދޫ، ތ. ތިމަރަފުށި، ތ. ކިިިނބިދޫ، ތ. އޮމަދޫ، ލ. ދަނބިދޫ، ލ. ގަން، ށ. މިލަންދޫ، ހދ. ހަނިމާދޫ، ށ. ކޮމަންޑޫ، ހދ. ނައިވާދޫ، އއ. ހިމަންދޫ، އއ. ފެރިދޫ، އއ. ތޮއްޑޫ، ކ. ހުރާ އަދި ކ. ހިންމަފުށި ހިމެނެއެވެ.
ސަރުކާރުން ހާމަކުރައްވާ ގޮތުގައި، މިހާރު މަސައްކަތް ފެށިފައިވާ 135 ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދެއެވެ. މިއީ ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސް ޑރ. މުއިއްޒު ފައްޓަވާފައިވާ އެންމެ ބޮޑު އެއް މަޝްރޫއެވެ.
ރަށްރަށުގައި ކުނި މެނޭޖްކުރާނެ ރަނގަޅު ނިޒާމެއް ނެތުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް ރަށްރަށަށް ކުރެއްވި ޒިޔާރަތްތަކުގައި ރައްޔިތުންގެ ފަރާތުން އެންމެ ގިނައިން ހުށަހެޅި އެއް ޝަކުވާއެވެ. މި މަޝްރޫއުތަކުގެ ސަބަބުން ރަށްރަށުގެ ތިމާވެށީގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ