މެކްސިކޯ އަށް އަޒްޓެކާ އަކީ ހިތްވަރެއް، އިންގްލެންޑާ ދެކޮޅަށް އެޑްވާންޓޭޖެއް ނޫން

މެކްސިކޯ ސިޓީ (ޖުލައި 5) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި މިރޭގެ މެޗަށް ނުކުންނައިރު، މެކްސިކޯގެ ހޯމް ސްޓޭޑިއަމް އަޒްޓެކާގައި ކުޅުމަކީ ޓީމަށް ހިތްވަރެއް ކަމަށާއި އެކަމަކު އެއީ އިންގްލެންޑް ކަހަލަ ޓީމަކާ ދެކޮޅަށް ޔަގީންކަމާ އެކު އެޑްވާންޓޭޖް ނެގޭނެއޭ ބުނެވޭނެ ސަބަބެއް އޮތްކަމެއް ނޫން ކަމަށް މެކްސިކޯގެ ކޯޗު، ހަވިއޭ އަގީރޭ ބުނެފި އެވެ. 
މި ފަހަރުގެ ވޯލްްޑް ކަޕްގެ ގަދަ 16 ބުރުން ޖާގަ ހޯދި ޓީމުތަކުގެ ތެރެއިން ހުރިހާ މެޗަކުން މޮޅުވެ، ބައިކޮޅަށް ގޯލެއް ވެސް ނުވަދެ މި ހިސާބަށް އައި ދެ ޓީމުގެ ތެރެއިން އެއް ޓީމަކީ މެކްސިކޯ އެވެ. މެކްސިކޯ އިން އެ ގައުމުގައި ހޯސްޓްކުރި ދެ ވޯލްޑް ކަޕްގައި ވެސް ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ. އެއީ، 1970 އާއި 1986 ވަނަ އަހަރު އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް އެ އަށް ވުރެން ދުރަށް ދިއުމަކީ މެކްސިކޯގެ އަމާޒެކެވެ. 
ކުރިން މެކްސިކޯ އަށް ކުޅެ، ތިން ވަނަ ފަހަރަށް އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ ހުރި އަގީރޭ ބުނީ، އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުމަކީ މެކްސިކޯ އަށް ހިތްވަރެއް ކަމަށެވެ. 
"އަޒްޓެކާގައި ކުޅުމަކީ އަބަދުވެސް ހިތްވަރެއް. އެކަމަކު، މިހާރު މި ކުޅެން ޖެހޭ މެޗުތައް މި ވާދަކުރަން ޖެހެނީ ވަރަށް ތަފާތު ޓީމުތަކާ، އެހެންވީމަ ސީދާ އެޑްވާންޓޭޖް ނެގޭނެއޭ ބުނަން ދަތި. ފައިދާ ނެގޭ ވަރަށް މަސައްކަތް ކުރަން ޖެހޭނީ،" އަގީރޭ ބުންޏެވެ. 
މެކްސިކޯ އިން އަޒްޓެކާގައި މިހާތަނަށް ކުޅުނު ވާދަވެރި 89 މެޗުގެ ތެރެއިން ބަލިވީ އެންމެ ދެ މެޗުންނެވެ. އަނެއްކޮޅުން، މި ދަނޑު ހުރީ ސީ ވެލަވް އަށް ވުރެން 7350 ފޫޓު މަތީގައި ކަމަށްވާތީވެ، ބައެއް ޓީމުތަކަށް މި ދަނޑުގައި ކުޅެން އުނދަގޫތަކެއް ކުރިމަތިވެ އެވެ. 
އަގީރޭ ބުނީ، ޓީމުތަކުން މިހާރުގެ ޒަމާނުގައި އަންނާނީ މި ހާލަތަށް ވެސް ތައްޔާރުވެގެން ކަމަށް ބެލެވޭ ކަމަށެވެ. 
"އަހަރެން ތި ކަންކަމަށް ހަގީގަތުގައި ފޯކަސް އެއް ވެސް ނުކުރަން. އަހަންނަށް ފެންނަނީ 11 ކުޅުންތެރިންނާއި 11 ކުޅުންތެރިންގެ ކުރިމަތިލުމެއްގައި ފައިދާ ނެގޭނީ ވެސް މޮޅުވުމުގެ ފުރުސަތު ބޮޑުވާނީ ވެސް އެ ދުވަހު ރަނގަޅަށް މަސައްކަތް ކުރާ ޓީމަކަށް،" އަގީރޭ ބުންޏެވެ. 
އެކުއެޑޯ އަތަުން މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުގައި މެކްސިކޯ ކުރިހޯދި މެޗަކީ، 40 އަހަރު ތެރޭ ވޯލްޑް ކަޕްގެ ނޮކައުޓް މެޗަކުން މެކްސިކޯ މޮޅުވި ފުަރަތަމަ ފަހަރެވެ. އެ ފޯމުގައި އެ ޓީމުން ކުރިއަށްދާން ބަލާއިރު، އިންގްލެންޑާ ދެކޮޅަށް މެކްސިކޯ އިން ނުކުންނަ ގަދަ 16 ބުރުގެ މެޗަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯ އިން މުބާރާތުގައި ކުރިއަށްދިޔަ ނަމަވެސް އަމިއްލަ ދަނޑުގައި ކުޅޭނެ ފަހު މެޗެވެ. އެއީ، ދެން ބާކީ މެޗުތައް ކުޅެން ޖެހެނީ އެމެރިކާގައި ކަމަށްވާތީ އެވެ. 
"އަމިއްލަ ގައުމުގައި ކުޅެން ލިބޭ ފަހު މެޗު މި ވޯލްޑް ކަޕްގައި، ރަނގަޅަށް ނިންމާލުން މުހިންމު،" އަގީރޭ ބުންޏެވެ. 
އިންގްލެންޑަކީ ދުނިޔޭގެ ރޭންކިންގައި ވެސް ވަރަށް ކުރީގައި އޮތް ގައުމެއް ކަމަށާއި އެ ޓީމު އަތުން މޮޅުވާން މެކްސިކޯ އިން މަސައްކަތްކުރާއިރު، ފުރިހަަމަ މެޗެއް ކުޅެން ޖެހޭ ކަމަށް އަގީރޭ ވަނީ ބުނެފަ އެވެ. 
މެކްސިކޯ އިން އެންމެ ފަހުން އިންގްލެންޑާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ