ބިންހެލުންތައް އަންނާނެ ވަގުތެއް ކުރިއާލައި އެނގޭނެ އެއްވެސް ސައިންޓިފިކް ވަސީލަތެއް ނެތްކަން ހާމަކޮށް، ސޯޝަލް މީޑިއާގައި ފެތުރެމުންދާ ނުބައި މައުލޫމާތުތަކަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، ބިންހެލުމެއް އަތުވެދާނެ ސީދާ ތަނެއް ނުވަތަ ތާރީޚެއް ދެނެގަނެވޭނެ ސައިންޓިފިކް ގޮތެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، ދިގު މުއްދަތުގެ ދިރާސާތަކަށް ބިނާކޮށް ބިންހެލުން އައުމުގެ ފުރުސަތު ބޮޑު ސަރަހައްދުތައް ސައިންސްވެރިންނަށް އަންދާޒާ ކުރެވިދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
މެޓް އޮފީހުން ބުނި ގޮތުގައި އެ އިދާރާއިން އަންނަނީ ދުނިޔޭގެ ބިންހެލުންތަކުގެ މައުލޫމާތު މެދުކަނޑުމެއް ނެތި މޮނިޓަރ ކުރަމުންނެވެ. އަދި ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ބިންހެލުމެއް އަތުވެއްޖެ ނަމަ، އެ މައުލޫމާތު ވަގުތުން ރައްޔިތުންނާ ހިއްސާކުރާނެ ކަމުގެ ޔަގީންކަން ދިނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި، ކުރިއަށް އޮތް ދުވަސްތަކުގައި ކާލްސްބާގު ރިޖަށް 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަންނާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް މެޓް އޮފީހުން ބުންޏެވެ. މާލެއާ ގާތްގަނޑަކަށް 900 ކިލޯމީޓަރު ދުރުގައި އޮންނަ މި ސަރަހައްދަކީ އާންމުކޮށް ވެސް ކުދި ބިންހެލުންތައް އަންނަ ސަރަހައްދެކެވެ. މި ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ރެކޯޑު ކުރެވިފައިވަނީ 2003 ވަނަ އަހަރު 7.6 މެގްނިޓިއުޑްގައެވެ.
ބިންހެލުން އުފެދެނީ ބިމުގެ އަޑީގައިވާ ޓެކްޓޯނިކް ޕްލޭޓްތަކުގެ ހަރަކާތްތަކުގެ ސަބަބުން އުފެދޭ ހަކަތަ ބޭރުވުމުންނެވެ. ރާއްޖެއަށް ބިންހެލުމަކުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ 2004 ވަނަ އަހަރު އިންޑިއާ ކަނޑަށް އައި 9.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން ކުރިމަތިވި ސުނާމީ ކާރިސާގައެވެ.
ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެއެއް ނުގަނެވޭނެ: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ