ގާފަރު މިސްކިތުގެ ކަރަންޓު ބިލް ނުދެއްކޭނެ ކަން އަންގައިފި

ޑީއާރްޕީގެ ލީޑަރ، އަބްދުﷲ ޖާބިރު، ގާފަރުގެ މިސްކިތް އެއާކޯން ކޮށްދެއްވާފައި ވަނިކޮށް، އެތަނުގެ ކަރަންޓު ބިލް ނުދައްކާނެ ކަން، އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށް އެ ޕާޓީ އިން މިއަދު ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު، އަބްދުﷲ ޖާބިރު ވަނީ އޭނާގެ ދާއިރާގައި ހިމެނޭ ގާފަރުގެ މިސްކިތް އެއާކޯން ކޮށްދެއްވާފައެވެ. މިސްކިތްތަކުގެ ކަރަންޓު ބިލް ދެއްކުމަކީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކޮށްދޭން ޖެހޭ ކަމެއްކަމަށްވާއިރު، މިކަމާ ގުޅިގެން ދިވެހި ރައްޔިތުންގެ ޕާޓީ އިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތަނުގެ ކަރަންޓު ބިލް ނުދެއްކޭނެކަން އެ ޕާޓީއަށް މިހާރު އަންގާފައިވާ ކަމަށެވެ.
"ޑީއާރުޕީގެ ލީޑަރ ވަނީ ގާފަރުގެ މިސްކިތް އެއާރކޯން ކޮށްދެއްވާފަ. ނަމަވެސް މިއަދު ވަނީ އެތަނުގެ ކަރަންޓް ބިލް ނުދެއްކޭނެކަން އަންގާފަ. ލީޑަރ ސަރުކާރަށް ގޮވާލަނީ ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް އެއާރކޯންކޮށް، ސޯލާރ ބޭނުންކޮށްގެން ނަމަވެސް ކަރަންޓް ދެވޭނެ ގޮތް ހަމަޖެއްސުމަށް." މިކަމާއި ގުޅިގެން ޑީއާރުޕީން ކޮށްފައިވާ ޓްވީޓުގައި ވަނީ ބުނެފައެވެ.
މިކަމާ ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު، ޢަބްދުﷲ ރިފާޢު ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އިން ގާފަރުގެ މިސްކިތުގެ ކަރަންޓު ބިލް ނުދައްކާތީ، އެކަމާ ގުޅިގެން އެ މިސްކިތުން ކަރަންޓު ކަނޑާލަން އުޅޭ ކަމުގެ އިޝާރާތެއް މިހާރު ލިބިފައިވާ ކަމަށެވެ.
ކާށިދޫ ދާއިރާގެ މެމްބަރު، ޢަބްދުﷲ ޖާބިރު ގެންދަވަނީ ދާއިރާގެ ތަރައްޤީއަށް އެތައް މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ. އެގޮތުން ގާފަރުގެ މިސްކިތުގައި ޖާބިރު ހަރަދުގައި ހިނަވާގެއެއްވެސް އަޅާފައިވާ އިރު، ކާށިދޫ ތަޢުލީމު ކުރިއެރުވުމުގެ މަޤުސަދުގައި އެ ރަށުގައި ފެންވަރު ރަނގަޅު ޔުނިވާސިޓީއެއް އަޅުއްވަންވެސް ޖާބިރު ވަނީ ނިންމަވާފައެވެ. އޭގެ އިތުރުން އެރަށުގެ މަދަރުސާއަށް ފައިސާގެ އެހީތެރިކަމެއް ވެދިނުމަށްވެސް ވަނީ ނިންމަވާފައެވެ. އަދި ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ އަގުހުރި އިނާމާއެކު، "ޖާބިރު ފުޓްސަލް ކަޕް" ކާށިދޫ އާއި ގާފަރުގައިވެސް ބާއްވަން ވަނީ ނިންމާފައެވެ.
ގާފަރާއި ކާށިދޫގައި ހިންގަވަން ގަސްދުކުރައްވާ މަޝްރޫޢުތަކުގެ ތެރެއަށް ބޭންކަކާއި ރިހެބިލިޓޭޝަން ސެންޓަރެއް އަޅުއްވާދެއްވާނެ ކަމަށްވެސް ޖާބިރުވަނީ ވައުދުވެ ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ