ފާރިޝްގެ އަޒުމަކަށް ބަދަލެއް ނާދޭ: ވަކީލު މައުމޫނު

ފުލުހުން ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫނު ހުންނެވީ ހެޔޮހާލުގައި ކަމަށާއި އަޒުމަކަށް ބަދަލެއް ނާންނަ ކަމަށް ފާރިޝްގެ ވަކީލު މައުމޫނު ހަމީދު ވިދާޅުވެއްޖެއެވެ.
މާފުށީ ޖަލުން މިއަދު ދޫނިދޫ ޖަލަށް ފާރިޝް ބަދަލު ކުރުމުން ފާރިޝްއާއި ބައްދަލު ކުރެއްވުމަށް ދޫނިދޫއަށް ވަޑައިގެންނެވުމަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ފާރިޝްގެ ދެބެންގެ ދެދަރި މައުމޫނު ހަމީދު ވިދާޅުވީ ފާރިޝް މާފުށީ ޖަލަށްވެސް އަދި ދޫނިދޫ ޖަލަށްވެސް ބަދަލުކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމުގައެވެ.
ފާރިޝް މިއަދު ދޫނިދޫ ޖަލަށް ބަދަލު ކުރެވުނު އިރު މާފުށީ ޖަލަށް ފާރިޝް ގެންދެވުނީ ބުރާސްފަތި ދުވަހުއެވެ. މައުމޫނު ވިދާޅުވީ ފާރިޝް ބަންދުކޮށްގެން ގެންގުޅެނީ ޤާނޫނާއި ހިލާފަށް ކަމަށާއި ފާރިޝްގެ ބަންދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް އަންގާރަ ދުވަހު ހައިކޯޓަށް ހުށައަޅުއްވާނެ ކަމުގައެވެ.
މީގެ އިތުރުން ފާރިޝް އިރުއިރުކޮށަށް އެއްޖަލުން އަނެއްޖަލަށް އެއްރަށުން އަނެއް ރަށަށް ބަދަލު ކުރުމަކީ ކަންބޮޑުވެލައްވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ފާރިޝްގެ ހައްގުތަކެއްވެސް ގެއްލެމުންދާކަމަށް މައުމޫނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ