ގައުމަށް ހަގީގީ މިނިވަން ލިބޭނީ އަމިއްލަ އެދުމާއި ދަހިވެތިކަން ގައުމަށްޓަކައި ދޫކޮށްލައިގެން ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިވަން ދުވަހުގެ ތަހްނިޔާ ފޮނުއްވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
ހަގީގީ މިނިވަންކަން ލިބޭނީ އަމިއްލަ އެދުމާއި ދަހިވެތިކަން ދޫކޮށްލައިން ކަމަށް ރައީސް މައުމޫން ވިދާޅުވިއިރު އެމަނިކުފާނު ފަހަކަށް އައިސް ގެންދަވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުންނެވެ. އެއީ ރައީސް މައުމޫން ބޭނުންފުޅުވި އަމިއްލަ ކަންތައްތަކެއް ސަރުކާރުގެ ތެރެއިން ނުވުމުން ވިދާޅުވާ ފާޑުވިދާޅުވުންތަކެއް ކަަމަށް ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވިދާޅުވެއެވެ.
މިއަދަކީ ދިވެހިރާއްޖެ އިނގިރޭސީންގެ އަޅުވެތިކަމުން މިނިވަންވިތާ 52 އަހަރު ފުރޭ ދުވަހެވެ. މީގެ ބައިގަރުނު ކުރިން އިނގިރޭސީންގެ އަތުން ރާއްޖެ މިނިވަންކޮށްދެއްވީ ނިޝާން ޣާޒީގެ އިއްޒަތްތެރިވެރިޔާ އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާން އެވެ.
ރާއްޖެ އިނގިރޭސީންގެ އަޅުވެތިކަމަށް ފުރަތަމަ ދިޔައީ 1796 ވަނަ އަހަރުއެވެ. އެއީ ރާއްޖެ ހިމާޔަތް ކޮށްދިނުމަށް ދިވެހި ދައުލަތުން އިނގިރޭސީވިލާތުގައި އެދުމުންނެވެ.
1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ކުރެވުނު އެއްބަސްވުމެއްގެ ދަށުން ރާއްޖެ އަށް ހުރިހާ ގޮތަކުން މިނިވަންކަން ލިބިގެން ދިޔަ ނަމަވެސް އައްޑޫ ސިޓީ ގަމުގައި ތިބި އިނގިރޭސި ސިފައިން ގަން ދޫކޮށް ދިޔައީ 1976 ވަނަ އަހަރުއެވެ. ފިނި ހަނގުރާމައިގެ އެންމެ ވަރުގަދަ "ކުރިމަތިލުންތައް" ހިނގަމުން ދިޔަ އެދުވަސްވަރު އިނގިރޭސީން ރާއްޖެ ދޫކޮށް ދިއުމުން އައްޑޫގައި އެއާބޭސް އެއް އަޅަން ސޯވިއެޓް ޔޫނިއަން އިން ވެސް ރާއްޖެ އަށް ހުށަހެޅިއެވެ. ނަމަވެސް ދިވެހި ސަރުކާރުން އެކަމަށް އެއްބަހެއް ނުވިއެވެ.
ހަގީގީ މިނިވަންކަން ލިބޭނީ އަމިއްލަ އެދުމާއި ދަހިވެތިކަން ދޫކޮށްލައިން – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ