ފުޅަދޫ ރައްޔިތުން ފާނައަށް ގޮސްގެން ހޯދި 73،000 ރުފިޔާ ރޮހިންގާ މުސްލިމުންނަށް

ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ފުޅަދޫ ރައްޔިތުން ފާނައަށް ގޮސްގެން 73،000 ރުފިޔާ ހޯދައިފި އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ފުޅަދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ފުޅަދޫ ރައްޔިތުން ފާނައަށް ދިޔައީ ހަތަރު ދޯނީގައި ކަމަށާއި އެމީހުން ރަށަށް އައީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ފާނައަށް ދިޔަ ރައްޔިތުންގެ މަސައްކަތުން ރޮހިންގާ ފަންޑަށް 73،170 ރުފިޔާ ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އާސިފް ވިދާޅުވީ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ފާނައަށް ގޮސްގެން ހޯދި ފައިސާގެ އިތުރުން ރަށުގައި ބެހެއްޓި ފަންޑު ފޮއްޓަށް ލިބުނު 6،890 ރުފިޔާއާއި ބެލެނިވެރިންގެ ޖަމްބަލް ސޭލުން ހޯދި 5،630 ރުފިޔާއާއި އެހެން ގޮތްގޮތުން ލިބުނު ފައިސާއާ އެކު ޖުމްލަ 86،000 ރުފިޔާ ފުޅަދޫ ރައްޔިތުންގެ ފަރާތުން ރޮހިންގާ ރައްޔިތުންނަށް އެހީގެ ގޮތުގައި ފޮނުވާނެ ކަމަށެވެ.
ފުޅަދޫ ރައްޔިތުން ހޯދި ފައިސާ ޖަމާކުރާނީ ސަރުކާރުން ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ހުޅުވާފައިވާ ބީއެމްއެލްގެ އެކައުންޓަށް ކަމަށްވެސް އާސިފް ވިދާޅުވި އެވެ.
"ފުޅަދޫ އާބާދީ ކުޑަ ރަށަކަށް ވާއިރު ރޮހިންގާގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން ފުޅަދޫ ރައްޔިތުން އެއްކުރި ފައިސާއާ މެދު ކައުންސިލުން ހިތްހަމަޖެހޭ. އަދި ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ފުޅަދޫ ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔަ އިންސާނިއްޔަތުކަމާއި އެކުވެރިކަން ބަލައިގަނެ ކައުންސިލްގެ ފަރާތުން ޝުކުރު އަދާކުރަން،" އާސިފް ވިދާޅުވި އެވެ.
އާސިފް އިތުރަށް ވިދާޅުވީ މިޔަންމާގެ ބުޑިސްޓުންނާއި އަސްކަރިއްޔާ ގުޅިގެން މިޔަންމާގެ މުސްލިމުންނަށް ދެމުންގެންދާ އަނިޔާ ކުށްވެރިކުރާ ކަމަށެވެ. އަދި ފުޅަދޫ ރައްޔިތުން ތިބީ މިޔަންމާގެ ރޮހިންގާ މުސްލިމުންނާ އެކު ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ސަރުކާރު އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކާއި ލޯކަލް ކައުންސިލްތަކާއި އަމިއްލަ ކުންފުނިތަކުން މީޑިއާތަކުން ގެންދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ