ފުލުހަށް ހާޒިރުވެ މެމްބަރު އާޒިމް ބަޔާން ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފުލުހަށް ހާޒިރުވެ ވަޑައިގެން ތަހުގީގުގައި ފުލުހުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފަހު ބަޔާނުގައި ސޮއި ކުރައްވައިފި އެވެ.
އާޒިމް ވިދާޅުވީ ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ވާޖިބަށް ހުރަސްއެޅި ކަމުގެ ކުށުގެ ތުހުމަތު ކަމަށެވެ. އެއީ މަޖިލީހުގެ ޖަލްސާކުރާ މާލަމަށް ގިނަ އަދަދެއްގެ ސިފައިން ވައްދާ، ޖަލްސާ ކުރިއަށް ގެންދިއުމުގެ ތެރޭގައި މަޖިލީހުގެ ޗެމްބަރުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. 
މީގެ އިތުރުން އާޒިމް ވިދާޅުވީ ފުލުހުން ކުރި ސުވާލުތަކަށް ޖަވާބު ދީފައިވާނެ ކަމަށާއި އަދި ބަޔާނުގައި ވެސް ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ތަހުގީގުގައި އިތުރަށް ސާފުކުރަން ކަމެއް އޮތް ނަމަ ފަހުން އަންގަވާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. 
އާޒިމް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައި ވަނީ ބުރާސަފަތި ދުވަހުގެ 12:00 އަށެވެ. 
އާޒިމްގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފަ އެވެ. 
ނާޒިމް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައި ވަނީ ބުރާސްފަތި ދުވަހުގެ 14:30 އަށެވެ. އަރީފް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ ހަވީރު 16:00 އަށެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގިނަ މެމްބަރުންތަކަކަށް އެކިއެކި ތުހުމަތުތައްކޮށް، ތަހުގީގު ހިންގާ، އަދި ޝަރީއަތް ކުރަމުންދާއިރު އާޒިމް އާއި ނާޒިމްއަކީ އެ ލިސްޓަށް އިތުރުވާ މެމްބަރުންނެވެ. 
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ 25 ހަކަށް މެމްބަރުން ތިއްބެއްވީ އެކި ތުހުމަތުތަކާއި ތަހުގީގުތަކާއި ޝަރީއަތް ކުރިމައްޗަށްހާޒިރު ކުރެވިފަ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ ސަރުކާރުން ކިތަންމެ ވަރަކަށް ބިރު ދެއްކި ނަމަވެސް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.
މެމްބަރުން އާޒިމް އާއި ނާޒިމަކީ ވެސް މަޖިލީހުގެ ޖަލްސާތަކުގަ އާއި އެކިއެކި އެއްވުންތަކުގައި އަޑުހަރުކޮށް ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މެމްބަރުންނެވެ. 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ