ބެލްޖިއަމަށް އިރާނުގެ ޑިފެންސް ފޫއަޅުވާނުލެވުނު، ތަރިއަކީ އީރާނުގެ ކީޕަރު އަލީރެޒާ
ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖީގައި ބެލްޖިއަމް އާއި އިރާން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، އިރާނުން ގްރޫޕުގެ އެއްވަނައަށް ޖެހިލައިފިއެވެ. އެމެރިކާގެ ލޮސް އެންޖެލިސްގެ އިންގްލްވުޑްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މެޗުގެ އެންމެ ފާހަގަކޮށްލެވުނީ އިރާންގެ އަލީރެޒާ ބޭރަންވަންދު ދެއްކި މޮޅު ކުޅުމެވެ. މެޗު ފެށިގެން ކެވިން ޑި ބްރޭނާގެ އެހީތެރިކަމާއެކު ބެލްޖިއަމްއިން މެޗުގެ ކޮންޓްރޯލް ހޯދައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އިރާންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފުގައި އިރާންގެ މެހްދީ ތަރޭމީ ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރުބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފައެވެ. މެޗުގެ ދެވަނަ ހާފުގައި ކުޅުން އިތުރަށް ފޯރިގަދަވެގެންދިޔައިރު، މެޗުގެ 62 ވަނަ މިނެޓުގައި ބެލްޖިއަމްގެ ޑިފެންޑަރު ނޭތަން އެންގޯއީއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. ބެލްޖިއަމްގެ ޑިފެންޑަރު ނޭތަން އެންގޯއީއަށް ރަތް ކާޑު ދައްކަނީ-- އިރާންގެ ތަރޭމީ އެކަނި ކައުންޓާ އެޓޭކެއްގައި ދަނިކޮށް ފައުލްކުރުމާ ގުޅިގެން އެންގޯއީއަށް ރަތް ކާޑު ދެއްކުމުން، މެޗުގެ ބާކީބައި ބެލްޖިއަމްއިން ފުރިހަމަކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ. ނަމަވެސް، މި ފުރުސަތުގެ ބޭނުން ހިފައި އިރާނުން ކުރިއަށްޖެހުނު ނަމަވެސް ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ބެލްޖިއަމްގެ މެކްސިމް ޑި ކައިޕާ ފޮނުވާލި ނުރައްކާތެރި ހަމަލާ އިރާންގެ ކީޕަރު ބޭރަންވަންދު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗުގައި ބެލްޖިއަމްއިން 23 ހަމަލާ އުފައްދައި މެޗު ޑޮމިނޭޓްކުރި ނަމަވެސް، ރޮމެލޫ ލުކާކޫ ފަދަ ފޯވާޑުންނަށް އީރާނުގެ ކީޕަރު ކައިރިން ސަލާމަތްވެވޭ ގޮތެއް ނުވިއެވެ. މި ނަތީޖާއާއެކު، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހުރެ ދަތުރުފަތުރާއި ވިސާގެ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އިރާން ޓީމަށް ވަނީ ބޮޑު ހިތްވަރެއް ލިބިފައެވެ. ފީފާ ވޯލްޑް ކަޕް 2026 ގައި އީރާނާއި ބެލްޖިއަމް ބައްދަލުކުރި މެޗުގެ ތެރެއިން-- ފުރަތަމަ މެޗުގައި ނިއުޒިލޭންޑާ 2-2 އިން އެއްވަރުވި އިރާން މިހާރު އޮތީ ދެ މެޗުން ލިބުނު 2 ޕޮއިންޓާއެކު، ޖެހި ލަނޑުގެ ތަފާތުން ބެލްޖިއަމްގެ މައްޗަށް ކުރި ހޯދައި ގްރޫޕުގެ އެއްވަނައިގައެވެ. ބެލްޖިއަމްވެސް ކުޅުނު ދެ މެޗުން އެއްވަރުވެފައިވާއިރު، މި ގްރޫޕްގައި ހިމެނޭ ނިއުޒިލޭންޑާއި މިސްރުގެ މެޗު ކުރިއަށް އޮތުމުން ގްރޫޕް ޖީގެ ވާދަވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިހާރު އޮތް ގޮތުން ފަހު މެޗުގައި އިރާނާއި ބެލްޖިއަމްއަށްވެސް މޮޅުވެގެން މުބާރާތުގެ ގަދަ 32 ގެ ބުރުން ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ