މާހެފުމަކާއެކު ހަނދުބެލުމަށް ލަންދޫ ރައްޔިތުން ބަނދަރުމައްޗަށް !

ނ އަތޮޅު ލަންދޫގައި ހަނދުބެލުމުގެ ހަރަކާތް ރަށުގެ އެންމެހާ ރައްޔިތުންނަށް ހުޅުވާލައިގެން މާހެފުމަކާއެކު ހަރަކާތެއް ކުރިއަށް އެބަ ގެންދެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ އާރިފް ވިދާޅުވީ އެ ހަރަކާތް ފަށާފައިވަނީ މިއަދު ހަވީރު 5:15ގައި ކަމަށާއި ނިންމާލުމަށް ހަމަޖެހިފައިވަނީ 7:30 ހާއިރު ކަމަށެވެ.
ކައުންސިލް ރައީސްވިދާޅުވީ ހަނދުބެލުމަށް ކުރިއަށްގެންދާ މި ހަރަކާތުގައި ތާރީހީ ކަމެއް ކަމަށްވާ އަންބަލަން ރޫޅުންވެސް އޮންނާނެ ކަމަށެވެ. އަދި މި ހަރަކާތުގައި އިސްވެ ހަރަކާތްތެރިވަނީ ރަށުގެ ކަނބަލުން ކަމުގައިވެސް ކައުންސިލް ރައީސް ވިދާޅުވި އެ އެވެ.
“މި ހަރަކާތް ރޭވުމަށް އަޅުގަނޑުމެން ބައްދަލުކުރީ ރަށުގެ ކަނބަލުންނާ، އެ ކަނބަލުން ގްރޫޕް ގްރޫޕަށް ބަހާލައިގެން ކާތަކެތި ތައްޔާރުކުރީ” ކައުންސިލް ރައީސް ވިދާޅުވި އެވެ.
އަންބަލަމަކީ  ރޯދަމަހު ހިފައި އޮޅުލައި އުޅުނު ޒަމާނުގައި އެކަމަށްޖަހާ ވެލިފުންޏެކެވެ. މިހުންނާނީ ދޮންވެލީން ނުރޫޅޭ ވަރަށް ހަރުކޮށްފައި ބާވަތްބާވަތުގެ މޭވާ އާއި މައުމެލާމެލީން ކުރަހައިފައެވެ. މިތަން ރޫޅަނީ ރޯދަޔަށް ހަނދުފެނުނީމައެވެ. ރޫޅައި ލުމަށްފަހުވެސް މިތަނަށް ކިޔަނީ އަންބަލަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ