ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ރެއާލާ ހަވާލުވާން މޮރީނިއޯ އެއްބަސްވެއްޖެ

މެޑްރިޑް (މެއި 29) - ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވާން ޕޯޗުގީސް މަޝްހޫރު ކޯޗު، ހޮސޭ މޮރީނިއޯ އެއްބަސްްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 
އެހެން ނަމަވެސް، މޮރީނިއޯ، ރަސްމީކޮށް ރެއާލްގެ ކޯޗެއްގެ ގޮތުގައި މީޑިއާ އަށް އިއުލާނުކުރާނީ ޖޫން 7 ވަނަ ދުވަހު އޮންނަ ރެއާލްގެ އިންތިހާބަށް ފަހު އެވެ. އަދި، މޮރީނިއޯ، 63، އާ އެކު ރެއާލުން މި ސޮއިކުރި އެއްބަސްވުން ހިނގާނީ، ރެއާލްގެ ރައީސަކަށް މި ވަގުތު ހުރި ފްލޮރެންޓީނޯ ޕެރޭޒް އަށް މަގާމު ދެމެހެއްޓިއްޖެނަމަ އެވެ. 
ޕެރޭޒްއާ ދެކޮޅަށް މި ފަހަރުގެ އިންތިހާބުގައި ރެއާލްގެ ރައީސް ކަމަށް ވާދަކުރަނީ، މަޝްހޫރު ވިޔަފާރިވެރިޔާ، އެންރީކޭ ރިކޭލްމޭ އެވެ. އޭނާ އަކީ، މިދިޔަ 20 ވަރަކަށް އަހަރު ތެރޭ، ރެއާލްގެ އިންތިހާބެއްގައި، ޕެރޭޒާ ދެކޮޅަށް ޗެލެންޖަކަށް ނުކުތް ފުރަތަމަ ކެންޑިޑޭޓެކެވެ.
ޕެރޭޒް، 2009 އިން ފެށިގެން ރެއާލްގެ ރައީސްކަން ކުރައްވަމުން އަންނައިރު، މީގެ ކުރިން، 2000 އިން 2006 އަށް ވެސް ރެއާލްގެ ރައީސްގެ މަގާމު ފުރުއްވި އެވެ. ޕެރޭޒަށް ރެއާލްގެ ރައީސްގެ މަގާމުގައި ހުންނަވަން ޕްރެޝަރު ބޮޑުވަމުން އަންނަނީ، ޖެހިޖެހިގެން ދެ ސީޒަނުގައި ތަށްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުމުންނެވެ.
އެހެން ނަމަވެސް މި ފަހަރުގެ އިންތިހާބުގައި ވެސް ޕެރޭޒް ކާމިޔާބު ހޯއްދަވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 
ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް، ޓޮޓެންހަމް، އިންޓަ މިލާން، ރޯމާ އަދި ފެނަބާޗޭގެ ކުރީގެ ކޯޗު މޮރީނިއޯ ނިމިދިޔަ ސީޒަނުގައި ކޯޗުކޮށްދިނީ ޕޯޗުގަލްގެ ބެންފީކާ އަށެވެ. މޮރީނިއޯ އަލުން ރެއާލާ މި ހަވާލުވަނީ، 13 ވަރަަކަށް އަހަރު ފަހުންނެވެ. އޭނާ ވަނީ، 2010 އިން 2013 އަށް ރެއާލަށް ކޯޗުކޮށްދީފަ އެވެ. އޭރު އެ ޓީމަށް އޭނާ ވަނީ، ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އަދި ސުޕަ ކަޕް ކާމިޔާބުކޮށްދީފަ އެވެ. 
މިދިޔަ ސީޒަން ފެށިއިރު، ރެއާލުން ކުޅުނީ ޒަބީ އަލޮންސޯގެ ކޯޗުކަމުގަ އެވެ. ޖެނުއަރީ މަހު، އަލޮންސޯ، ރެއާލްގެ ކޯޗުކަމުން ވަކިކުރިއިރު، އޭގެ ފަހުން، ސީޒަނުގެ ފަހު ބައިގައި ރެއާލަށް އިރުޝާދުދިނީ ބީ ޓީމުގެ ކޯޗަކަށް ހުރި އެ ޓީމަށް ކުރިން ކުޅުނު ޑިފެންޑަރު، އަލްވާރޯ އާބެލޯއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ