މާފުށި ޖަލުގައި ހާއްސަ ޔުނިޓެއް ހެދެންދެން ނަޝީދު ހުންނަވާނީ ދޫނިދޫގައި: އުމަރު

ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ ޖަލުގެ ހުކުމް ތަންފީޒުކުރަން ބަހައްޓާނީ މާފުށި ޖަލުގައި ކަމުގެ އިޝާރާތެއް ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްވައިފި އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް މިރޭ ކްރިމިނަލް ކޯޓުން ހުކުމް އިއްވިތާ ކުޑައިރު ކޮޅެއް ފަހުން ކުރެއްވި ޓްވީޓެއްގަ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ނަޝީދަށް މާފުށި ޖަލުގައި ހާއްސަ ޔުނިޓެއް ހެދެންދެން އެމަނިކުފާނު ހުންނަވާނީ ދޫނިދޫގައި ކަމަށެވެ. އަދި އެގޮތަށް އަމަލުކުރަން ފުލުހުންނަށް އަންގާފައިވާ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
މާފުށި ޖަލުގައި އާންމުކޮށް ހުކުމް ތަންފީޒުކުރަނީ ބޮޑެތި ކުށްތަކުގައި ދިގު މުއްދަތަކަށް ހުކުމް އިއްވާފައި ތިބި މީހުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު ޖަލު، މާފުށި ޖަލުގައި ކުރީގެ ރައީސް ނަޝީދުގެ ހުކުމް ތަންފީޒުކުރަން ބަހައްޓާއިރު އެތަނުގައި ދޭތެރެދޭތެރެއިން ހަމަނުޖެހުން ހިންގާ ތަނަށް ގެއްލުންދީ ހަދަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ