އުމަރު ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ފިޔަވަޅު އަޅާނަނަން – ގާޒީ

މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު ގެ މައްޗައް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތަށް އަންނަ ބުރާސްފަތި ދުވަހު ހާޒިރު ނުވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވެއްޖެ އެވެ.
އުމަރުގެ މައްޗައް ދައުލަތުން އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާއެވެ.
މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް މިއަދު ތާވަލްކުރި ނަމަވެސް އެ އަޑުއެހުން ވަނީ އުމަރު ޝަރީއަތަށް ހާޒިރު ނުވުމުން ކެންސަލް ކޮށްފަ އެވެ.
ޝަރީއަތް ކުރާ ކޮޓަރިއަށް އުމަރުގެ ވަކީލާއި ޝަރީއަތް އަޑުއަހަން ދިޔަނޫސްވެރިން ވެއްދުމަށްފަހު ގާޒީ ވިދާޅުވީ މިދިޔަ މަހު ބާއްވަން އުޅުނުޝަރީއަތުގެ މަޖިލީސް ވެސް ކެންސަލް ކޮށްފައި ވަނީ ރަސްމީ ދަތުރުފުޅެއްގައި އުމަރު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ކަމަށް އަންގައި ހޯމް މިނިސްޓްރީން ސިޓީއެއް ފޮނުވުމުން ކަމަށެވެ. އަދި މިއަދު އަނެއްކާވެސް އެ މައްސަލަ ތާވަލް ކުރީ ކުރިން ފޮނުވި ސިޓީގައި ބުނެފައިވާ ފަދައިން، އުމަރު ރާއްޖެއިން ބޭރުގައި ހުންނަވާ މުއްދަތު ހަމަވުމުން ކަމަށެވެ.
އަދި މިއަދު ވެސް އެފަދަ ސިޓީއެއް ހޯމް މިނިސްޓްރީން ފޮނުވާފައިވާ ކަމަށާއި އެ ސިޓީގައި އިއްޔެ އިން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ދަތުރުފުޅެއްގައި އުމަރު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައި ވާކަމަށް ބަޔާންކޮށްފައި  ވާ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
މީގެ އިތުރުން ގާޒީ ވިދާޅުވީ އުމަރު ހުންނެވީ ދަތުރުފުޅެއްގައި ކަން އަންގާ ކޮންމެ ފަހަރަކު ވެސް ހޯމް މިނިސްޓްރީން ސިޓީ ފޮނުވަނީ ޝަރީއަތް ބާއްވާ ދުވަހު ކަމަށެވެ. ނަމަވެސް ކޮންމެ ދަތުރަކަށް ފުރާވަޑައިގަންނަވަން ޖެހޭނީ ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވުމަށްފަހު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ މިނިސްޓަރުންނަކީ ދައުލަތުގެ އެންމެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކަމަށާއި މިނިސްޓަރަކު ހައްޔަރު ކުރުމަށް ޝަރީއަތަށް މަޖުބޫރު ނުކުރުމަށް އުމަރުގެ ވަކީލުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށާއި، އަދި އުމަރު އުޅުއްވަނީ ޝަރީއަތަށް ދަތިކުރުމަށް ކަމަށް ބެލެވޭ ކަމަށާއި ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުވެވަޑައި ނުގެންފި ނަމަ ގަވާއިދުގައިވާ ގޮތުގެމަތިން އުމަރާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އުމަރުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ 50 ހަރުގަނޑު ބޭނުންކޮށްގެން ރާއްޖޭގެ ދިފާއީ ބާރުގެ މައި މަރުކަޒުގެ ތެރެއަށް ވަނުމަށް ދޭހަވާ ގޮތަށް މުޒާހަރާއެއްގައި އޭނާ ވާހަކަ ދައްކަވާފައި ވާކަމަށް ބެލެވިގެންނެވެ.
ދައުލަތުން ދައުވާ އިއްވުމާ އެކު އުމަރު ވަނީ އިޖުރާއީ ނުކުތާއެއްނަންގަވައި އޭނާގެ މައްޗަށް ދައުވާ ކުރުމުގައި ހަވާލާދެއްވާފައިވާ މާއްދާއަކީ ގާނޫނު އަސާސީއާ ޚިލާފު މާއްދާއެއް ކަމަށް ކަނޑައަޅައި ދެއްވައި އެމާއްދާ ބާތިލްކުރުމަށް އެދިވަޑައިގެންފަ އެވެ.
ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ އުމަރުގެ ފަރާތުން އިޖުރާއީ މައްސަލައާ ގުޅިގެން ޖަވާބުދާރީވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ