ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ މާޗް މަހުގެ 31 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަމުރު ނެރެފި އެވެ.
ރާޖަޕަކްސާ ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ ލަންކާގައި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓެއްގެ އަސާސީ ހައްގުތަކަށް އަރައިގަތްކަމަށް ބުނެ އެ ކޯޓަށް ހުށައަޅާފައިވާ ޕެޓިޝަނަކާއި ގުޅިގެންނެވެ. މި ޕެޓިޝަން ހުށައަޅާފައިވަނީ ފްރަންޓްލައިން ސޯޝަލިސްޓް ޕާޓީ (އެސްއެފްޕީ)ގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދުމިންދާ ނަގަމުވާ އެވެ.
ސުޕްރީމް ކޯޓުގެ އަމުރު ނެރެފައިވަނީ އުއްތަމަ ފަނޑިޔާރު ކޭ. ސްރިޕަަވަން އާއި ފަނޑިޔާރު ޕްރިޔަސަތު ޑެޕް އާއި ފަނޑިޔާރު އެވާ ވަނަސުންދަރަ ހިމެނޭ ބެންޗުންނެވެ.
ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ޕެޓިޝަނުގައިވާ ގޮތުން ރާޖަޕަކްސާ ވަނީ ރިޔާސީ އިންތިހާބުގައި މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރައްވައި އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސިފައިން ފުލުހުން ބޭނުންކުރައްވާފަ އެވެ. އަދި ޖެނުއަރީ ތިނަކާއި އަށަކާއި ދެމެދު ސިފައިން ނެރުމަކީ ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރާޖަޕަކްސާ މަގާމުގެ ނާޖާއިޒު ފައިދާ ނެގުން ކަމަށާއި މިކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ބައިވެރިވި ބައެއް ފަރާތްތަކާއި ވޯޓު ލާން ދިޔަ ބައެއް ފަރާތްތަކުގެ އަސާސީ ހައްގުތައް ގެއްލިފައިވާ ކަމަށެވެ.
މީގެ އިތުރުން ސިފައިން ނެރެފައިވާ އިރު ސިފައިން ނެރޭވަރުގެ ހާލަތެއް ދިމާނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށްވެސް މި ޕެޓިޝަނުގައި ބުނެފައިވެ އެވެ.
ރާޖަޕަކްސާ ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަމުރު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ