ފާރިސް އަކީ އަދިވެސް ޕީޕީއެމްގެ މެމްބަރެއް - މައުމޫން ފެކްޝަން

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނަކީ އަދިވެސް ޕީޕީއެމްގެ މެމްބަރެއްކަމަށާއި މަސައްކަތް ކުރައްވަނީ ޕީޕީއެމްގެ ރައީސް އަދި ބައްޕާފުޅު މައުމޫނު އަބްދުލްޤައްޔޫމްގެ އިރުޝާދަށްކަމަށް ޕީޕީއެމް ރައީސްގެ އޮފީހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހް ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި އެކަމުގައި އިސްކޮށް މަސައްކަތްކުރައްވަމުން ގެންދަވާ ފާރިސް، އިދިކޮޅު ފަރާތްތަކާ އެކު އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީޕީއެމް ތަމްސީލްކުރައްވައި ޕާޓީގެ ދިދަ ބޭނުންކުރެއްވުމުން އެކަން ކުށްވެރިކޮށް ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ފާރިސް އަކީ ޕީޕީއެމްގެ މެންބަރެއް ނޫން ކަމަށެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ނެރުނު ބަޔާނަށް ރައްދުދީ ރައީސް މައުމޫނު ފެކްޝަނުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފާރިސްއަކީ ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅެއްގެ އިތުރުން މިހާރުވެސް ޕީޕީއެމްގެ މެމްބަރެއް ކަމަށެވެ.
މީގެ އިތުރުން ފާރިސްއަކީ ޕީޕީއެމްގެ ކައުންސިލްގެ ވެސް މެމްބަރެއްކަމަށާއި ޤައުމީ މަޖިލީހުން އެންމެ ގިނަ ވޯޓް ލިބިވަޑައިގެން ކައުންސިލަށް އިންތިހާބުވީވެސް ފާރިސްކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
ފާރިސްގެ މަސައްކަތަށް އިޝާރާތްކުރަމުން ބަޔާނުގައި ބުނެފައި ވަނީ އެފަދަ ގައުމީ މަސައްކަތަކަށް ފިތުނަފަސާދަ އުފެއްދުމޭ ކިޔައި، ދިވެހި ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދައްކާ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ ޕާޓީގެ ދިދައާއި ލޯގޯ ބޭނުން ކުރުމަކީ ޕާޓީގެ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ