ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާ ދެކޮޅަށް ކުރާ ދައުވާގައި އެ ދެ ބޭފުޅުންނާ ދެކޮޅަށް ހަތަރު ހެއްކަކު ދައުލަތުން ހުށަހަޅައިފި އެވެ.
އަލީ ވަހީދާއި މަހުލޫފުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި އެ ދެ ބޭފުޅުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވެންނެވި ކަމަށް ބުނެ އެވެ. އެ ދެ ބޭފުޅުންގެ މައްޗަށް އުފުލާފައި ވަނީ ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި ހެކި ހުށަހަޅަން ދިން ފުރުސަތުގައި ދައުލަތުން ވަނީ ހަތަރު ފުލުހަކު ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ހަތަރު ހެކިންނަކީ ވެސް އެ ދެ ބޭފުޅުންގެ މައްޗަށް ހުށަހެޅި ހެކިން ކަމަށެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އަލީ ވަހީދުގެ ފަރާތުން ވަނީ އިޖްރާއީ ނުކުތާއެއް ނަގާފަ އެވެ. އެ ނުކުތާ ނެގީ ދައުވާއެއް އަނބުރާ ގެންދިއުމަށް ފަހު އަލުން އެ ދައުވާ ހުށަނޭޅޭނެ ކަމަށް ބުނެ އެވެ. އެގޮތަށް އޭނާގެ ފަރާތުން އިޖްރާއީ ނުކުތާ ނެގީ ކުރިން މައްސަލަ ހުށަހަޅާފައި ޕީޖީން އަނބުރާ ގެންދިއުމުންނެވެ.
ނަމަވެސް ކޯޓުން ނިންމީ އެގޮތަށް އަނބުރާ ގެންގޮސް އަދި އަލުން ހުށަހެޅޭނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި އަލީ ވަހީދުގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ އެ އިޖްރާއީ ނުކުތާގައި ކޯޓުން ނިންމި ގޮތް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހަޅާފައިވާނެ ކަމަށާއި އެހެންކަމުން އެ މައްސަލަ ހައި ކޯޓުން ނިމެންދެން ކްރިމިނަލް ކޯޓުގައި ހިނގާ މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލަން އެދިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އެ މައްސަލަ ބެލުން މަޑުޖައްސާލުމަށް ހައި ކޯޓުން ނާންގާހާ ހިނދަކު މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި މަހުލޫފު ވަނީ އެ މައްސަލަ ވީހާވެސް އަވަހަކަށް ނިންމައިދޭން އެދިވަޑައިގެންފަ އެވެ. އަދި މައްސަލައިގައި އިތުރަށް އެއްޗެއް ދެންނެވޭނީ ދައުލަތުގެ ހެކިން ހެކިބަހަށް ބެއްލެވުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
ދެ ބޭފުޅުންގެ ޝަރީއަތް ދެން އޮންނާނީ މިމަހު 22 ގައި ކަމަށް ގާޒީ އިއުލާންކުރެއްވި އެވެ. އެ ޝަރީއަތުގައި އޮންނާނީ ހެކިންގެ ހެކިބަސް ނެގުމެވެ.
އަލީ ވަހީދާއި މަހުލޫފާ ދެކޮޅަށް ކުރާ ދައުވާގައި ހަތަރު ހެއްކަކު ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ