ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ މަގާމުން ވަކިކުރީ ގާނޫނާއި ގަވާއިދާ ހިލާފަށް: ޓްރައިބިއުނަލް

ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާކަމުގެ މަގާމުގައި ކުރިން ހުންނެވި ފާތުމަތު ލަތީފް އެ މަގާމުން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ވެސް ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން މިއަދު ނިންމައިފި އެވެ.
ފާތުމަތު ލަތީފް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 14 ވަނަ ދުވަހު ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅުއްވީ އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމުގައި ހުންނަވައިގެން ރެޖިސްޓްރާގެ މަސްއޫލިއްޔަތު އަދާކުރަން އުޒުރުވެރިވާ ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީއަކަށް ފަހުގަ އެވެ. އޭނާ ވަޒީފާ އިން ވަކިކުރީ ފަނޑިޔާރުން ކޯޓުގެ އިޖުރާއީ ކަންކަމުގައި އެންގެވި އެންގެވުންތަކަށް ތަބާނުވެ، މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރި ވެފައިވާ ކަމަށް ބުނެ ލިޔުމުން އިންޒާރު ދިނުމަށް ފަހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.
މި މައްސަލަ ޓްރައިބިއުނަލުން ނިންމަމުން ބުނެފައި ވަނީ ވަޒީފާ އިން ވަކިކުރުމުގެ ކުރިން ދިން އިންޒާރަކީ ބާތިލް އެއްޗެއް ނޫން ކަމާއި ވަޒީފާ އިން ވަކިކޮށްފައި ވަނީ ޝަރުއީ ދާއިރާގެ ދާއިމީ މުވައްޒަފުންގެ ގަވާއިދާ ހިލާފަށް ނޫންކަން، މައްސަލަ ރައްދުވާ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ދިން އިންޒާރު ވެސް ބާތިލް ކަމަށް ވަނީ ނިންމައިފަ އެވެ.
މައްސަލަ ބެލި މަޖިލީހުންގެ ތިން މެންބަރުން އިއްތިފާގުވެވަޑައިގެންފައި ވަނީ ފާތުމަތު ލަތީފް މަގާމުން ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނާއި ގަވާއިދާ ވެސް ހިލާފަށް ކަމަށެވެ.
ޓްރައިބިއުނަލް އަށް ހުށަހެޅި މައްސަލާގައި، ވަޒީފާ އަނބުރާ ރުޖޫއަކޮށްދިނުމުގެ ބަދަލުގައި އެދިފައި ވަނީ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މިހާ ހިސާބަށް ވަޒީފާގައި ދެމިހުރި ނަމަ ލިބޭނެ މުސާރަ އާއި އިނާޔަތާއި ބަދަލުގެ ގޮތުގައި ލިބޭ ފައިސާ ހޯދުމަށެވެ. އެހެންވެ ޓްރައިބިއުނަލުން ވަނީ މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި ފާތުމަތު ލަތީފަށް 48،334.27 2ރ. އެކީ އެއްފަހަރާ ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ. އަދި ވަޒީފާއާ ގުޅޭ ކަންކަމުގައި ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވަނީ އަންގައި އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ