ޕޮލިހަށް ހާޒިރުކުރީ ސަރުކާރު މާފިއާ ގޭންގަކާ ހަވާލުކުރަން ބޭނުން ނުވާ ކަމަށް ބުނުމުން:ރިޔާޒު

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އޭނާގެ މައްޗަށް ދެ ތުހުމަތެއްކޮށްފައިވާކަމަށް ކުރީ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
 
އަންގާރަ ދުވަހު، ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންނެވުމަށްފަހު، ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކިނބިދޫ ދައިރާގެ މެމްބަރުކަންވެސް ކުރައްވާ އަބްދުﷲ ރިޔާޒް ވިދާޅުވީ އޭނާގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ތުހުމަތަކީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ސިޔާސީ ވާހަކައަކާ ގުޅިގެން ކަމަށެވެ. އެ ވާހަކައަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ޤައުމު މާފިއާ ގޭންގަކާއި ހަވާލުކުރަން ބޭނުން ނުވާކަމަށް ވިދާޅުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ކަމަށް ރިޔާޒު ވިދާޅުވި އެވެ.
 
ރިޔާޒް ވިދާޅުވީ، އެއްވެސް ފަރާތަކުން ދިވެހި ޤައުމު މާފިއާ ގޭންގަކާއި ހަވާލުކުރުމަށް އެއްވެސް ފަރާތަކުން ބޭނުން ނުވާނެ ކަމަށާއި، ފުލުހުންވެސް އެގޮތް ބޭނުން ނުވާނެ ކަމަށެވެ. ހުރިހާ މުއައްސަސާއަކުންވެސް ކުރައްވަންޖެހޭނެ ކަމަކީ، ވެރިކަން ކުރާ ފަރާތުން ޤާނޫނީ އިމުގެ ތެރެއިން ވެރިކަން ކުރައްވާތޯ ޔަޤީންކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ. 
 
ރިޔާޒް ވިދާޅުވީ ވެރިޔަކަށް ހުންނަ ބޭފުޅަކީ އެންމެންނަށް ވުރެ މާ ބާރުގަދަ މީހެއް ކަމުގައި މުއައްސަސާތަކުން ވެސް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. މުއައްސަސާތަކުން ވެރިޔަކަށް ހުންނަވާ ބޭފުޅަކު ވިދާޅުވާ ކޮންމެ ކަމެއް ކުރައްވައިގެން ނުވާނެ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.
 
"އަޅުގަނޑު ސިޔާސީ ފޯރަމެއްގައި ދެކި ވާހަކައަކަށް ރައީސް ޔާމީން ހިތްޕުޅާ ހަމަނުވެގެން މިހާރު އެ އުޅެނީ. އަޅުގަނޑު ދެންނެވިން ދިވެހި ފުލުހުން އަޅުގަނޑު ސިޔާސީ ގޮތުން ދައްކަވާފައި ހުރި ވާހަކައެއް، އަޅުގަނޑެއް ނޫން އެއްވެސް މީހަކު ސިޔާސީ ގޮތުން ދައްކަވާފައިހުރި ވާހަކަތައް ބަލާ ސިޔާސީ މީހުން ފުލުހުންގެ މައައްސަސާއަށް ގެނެސް މިކަންކަން ކުރަންޖެހޭނެކަމަށްވެސް އަޅުގަނޑު ގަބޫލެއް ނުކުރަމޭ،" އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.
 
ރިޔާޒްގެ މައްޗަށް ކޮށްފައިވާ ދެވަނަ ތުހުމަތަކީ، ސަރުކާރުގެ އިސްވެރިންގެ މައުލޫމާތުތައް ރިޔާޒަށް އެނވަޑައިގެންނެވުމުގެ ތުހުމަތެވެ. އެގޮތުން ރިޔާޒްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ގިނަ މައުލޫމާތުތަކެއް އޭނާއަށް އެނގިވަޑައިގެން، ރަސްމީ ހައިސިއްޔަތުން ކުރާ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ތުހުމަތެވެ.
 
ރިޔާޒް ވިދާޅުވީ، އޭނާއަކީ ފުލުހުންގެ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅަކަށް ވާއިރު، ފުލުހުންގެ މުއައްސަސާގެ އެކި ބޭފުޅުންވެސް އޭނާއަށް މައުލޫމާތު ހިއްސާކުރާ ކަމަށެވެ. ވަޒީރުންގެ ތެރެއިންވެސް ބޭފުޅުން އޭނާއަށް މައުލޫމާތު ހިއްސާކުރައްވަމުންގެންދަވާކަމަށް ރިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައުލޫމާތެއް އެނގުމަކީ ކުށެއްކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އެއީ ރައްޔިތުންގެ ފަރާތުން ވަކާލާތުކުރައްވާ މަންދޫބަކަށްވާއިރު، މައުލޫމާތުތައް އަބަދުވެސް އެނގިވަޑައިގަންނަވާނެކަމަށް ރިޔާޒް ވިދާޅުވި އެވެ.
 
ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނުވެސް އަތުލައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ރިޔާޒް ވިދާޅުވީ، އޭނާއަށް މައުލޫމާތުތައް ހިއްސާކުރެއްވި ބޭފުޅުން ފޯނު އަތުލައްވައިގެން ކުރައްވާ މަސައްކަތުން ރައީސް އަބްދުﷲ ޔާމީންނަށް އެނގިވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ