ގާސިމް ފުލުސް އޮފީހަށް ހާޒިރުކުރުމަށް ޗިޓު ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވާފައި މިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި, ކުރީގެ ރައީސް މުހައްމަދު ނަޝީދާއި, އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އާއި ގުޅިވަޑައިގެން, ފުޅާދާއިރާއެއްގައި އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގުމަށް އެ ބޭފުޅުން އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.
ޖުމްހޫރީ ޕާޓީގެ ވެސް ފުރިހަމަ ބައިވެރިވުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު ފަރާތްތަކުން ވަނީ މަސައްކަތް ކޮށްފައެވެ.
މަސީހުގެ އިތުބާރު އޮތް ކަމަށް ފާސްވީ ސަރުކާރަށް ނިސްބަތްވާ 48 މެމްބަރުންގެ ވޯޓުންނެވެ.
އިދިކޮޅު ފަރާތްތަކުން ބުނެފައިވާ ގޮތުގައި އިތުރު މެންބަރުންތަކެއްގެ ސޮޔާ އެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށައަޅާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ