ވޯޓު ލާ ގަޑީގައި ހިންގަފާނެ "ޖަގަޑާއަކަށް" ސަމާލުވުމަށް ގާސިމް ގޮވާލައްވައިފި

ރިޔާސީ އިންތިޚާބުގެ ވޯޓު ލާ ދުވަހު ހެނދުނު ގޮސް ވޯޓުގެ ކަންތައް ނިންމުމަށް ފަހު އެހެން މީހުންގެ ވޯޓަށް ހުރަސް އެޅުމުގެ ގޮތުން އެމްޑީޕީން "ހިންގަފާނެ ޖަގަޑާއަކަށް" ސަމާލުވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ގޮވާލައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ "ކުނޫޒް" ޖަގަހާގައި އައްޑޫ ރައްޔިތުންނަށް ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކަށް ސަމާލުވެ ވިސްނުންތެރިކަމާ އެކު ތިބެން ޖެހޭ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ އެމްޑީޕީން ކަންތައް ކޮށްފާނެ ގޮތެވެ.
ގާސިމް ވިދާޅުވި ގޮތުގައި "ކޮށްފައި ނުކުރާނެ ކަމެއް" އެހެން މީހުންގެ ހިތަށް ވެސް ނާރާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ އިރު އެކުރާނެ ކަމެއް އެހެން މީހުން ދެނެގަންނަން ޖެހޭނެ ކަމަށެވެ. އެގޮތުން ވީހާ ވެސް ހެނދުނަކާ ގޮސް އެމްޑީޕީ މީހުން ވޯޓު ލާނެ ކަމަށް ވިދާޅުވި އެވެ.
"މެންދުރު ފަހާ ހަމައަށް ދާއިރު ވަކި ޕާޓީއެއްގެ ބަޔަކު ވޯޓްލާ ނިންމައިފިއްޔާ އެ މީހުންގެ ބޭނުމަކަށް ވާނެ ވޯޓްލާ ކިޔު ދޮށަށް ގޮސް ކޮންމެވެސް ގުޖަޑެއް، ޖަގަޑާއެއް ހިންގައިގެން ތަޅާ ފޮޅުންގަނޑެއް ހިންގައިގެން ނަމަވެސް އެހެން މީހުންނަށް ވޯޓް ނުލެވޭނެ ގޮތެއް ހަދަން. މި މަޅީގައި އަޅުގަނޑުމެން ޖެހިގެން ނުވާނެ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓު ލުން ލަސްކޮށްގެން އެއްވެސް ބަޔަކު ތިބެގެން ނުވާނެ ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި ވޯޓު ރަޖިސްޓްރީކުރަން ތަފާތު ޕާޓީތަކުގެ ނަމުގައި ފޯމު ފުރުމުގައި ވެސް މައްސަލަތަކެއް އެބަ ހުއްޓެވެ. އެގޮތުން އޭނާ ތުހުމަތުކުރެއްވީ އެފުރާ ފޯމްތައް އިލެކްޝަންސް އަށް ނުލާނެ ކަމަށެވެ.
"އެ ފޯމް ނުލައި ގޮސް އެގޮތަށް ކަންތައްތައް ކުރާ ކަމަށްވާ ނަމަ ވޯޓް ލާން ދާއިރު ނަމެއް ނޯންނާނެ. އަނެއްކޮޅުން ފައިސާ ދީފައި އައިޑީ ކާޑު ވެސް އަތުލާނެ. އެ ދުވަހަކުން ނުފެންނާނެ އައިޑެންޓިޓީ ކާޑެއް ވެސް،" ގާސިމް ވިދާޅުވި އެވެ.
"މިކަހަލަ ކެހިވެރި، ނިކަމެތި ކަންތައްތަކެއް ދިމާކުރާނެ މިފަހަރު. މިފަދަ ކަންކަން ދިމާވެގެން ހިނގައިދާނެ ކަމަށް ވިސްނައި އަޅުގަނޑުމެން ޖެހޭ އެއަށް ސަމާލުވާން."
ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވީ އެ ޕާޓީގެ ރަނިން މޭޓަކީ ރައީސް އިސްތިއުފާ ދޭ އިރަށް އިސްތިއުފާ ދީފައި އަދި ރައީސް "އުޑަށް އަރާވަޑައިގަންނަވާއިރަށް" ފަހަތުން ގޮސް އުޑަށް އަރާނެ ގޮނޑި ކޮއްކޮއަކަށް ނުވާނެ ކަމަށެވެ.
އޭނާ އެގޮތަށް ވިދާޅުވީ އެމްޑީޕީގެ ރަނިން މޭޓް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެފައިވާ ވާހަކަ އަށް ނިސްބަތްކުރައްވަ އެވެ. މުސްތޮފާ ވިދާޅުވެފައި ވަނީ ރައީސް ކަމުގައި ނަޝީދަށް ނުހުންނެވޭ ހާލަތެއް އަތުވެއްޖެ ނަމަ އޭނާ ވެސް އިސްތިއުފާ ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ރަނިން މޭޓް ޑރ. ހަސަން ސައީދަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނެއް އިރާދަކުރެއްވިއްޔާ ގާނޫނު އަސާސީގެ ރޫހާ ހިލާފަށް އެއްވެސް ކަމެއް ނުކުރުވާނަމޭ. އަޅުގަނޑުމެންގެ ރަނިން މޭޓަކީ އެއްވެސް ކަހަލަ އަގެއް ނެތް، އެއްވެސް ސަމާލުކަމެއް ދޭން ނުޖެހޭ، ނުވަތަ ގޮނޑިކޮއްކޮއެއްގެ ގޮތުގައި ބަހައްޓާ ރައީސުލް ޖުމްހޫރިއްޔާ އުޑަށް އަރުއްވައި ވަޑައިގެންފިއްޔާ އުޑަށް ވެސް އަރުއްވާ، ރައީސުލް ޖުމްހޫރިއްޔާ އިސްތިއުފާ ދީފި ނަމަ އިސްތިއުފާ ދިނުމަށް މަޖުބޫރުކުރުވާ ރަނިން މޭޓެއް ނޫނޭ. އަޅުގަނޑުމެންގެ ރަނިން މޭޓް ވެގެންދާނީ ގާނޫނު އަސާސީގެ 112 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ރައީސުލް ޖުމްހޫރިއްޔާ ވާޖިބު އަދާކުރާނެ ބޭފުޅަކަށޭ،" ޑީޑީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ