އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިވާ މައްސަލަތައް 2008 ގައި ކުރިމަތިވި މައްސަލަތަކަށް ވުރެ މަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ނައިބު ރައީސް އަހުމަދު ފަޔާޒު ވިދާޅުވީ އިލެކްޝަނަށް ކުރެވޭނެ ކަމަކީ ގާނޫނުގައި ބުނެފައިވާ ގޮތަށް އޮމާންކަމާ އެކު އިންތިހާބުގެ ހުރިހާ ކަމެއް އިންތިޒާމް ކުރުން ކަމަށެވެ. އިންތިހާބަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން، ސުލްހަވެރި އިންތިހާބަކަށް ވާނީ އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް ވުރެ މިފަހަރު ވޯޓު ފޮށިތައް ވެސް ގިނަވާނެ. އޭގެ މާނައަކީ ފޮއްޓަކަށް ވޯޓުލާން ދާން ޖެހޭ މީހުން މަދުވާނެއޭ، މިސާލަކަށް ކުރިން ފޮއްޓަކަށް 1،500 މީހުން ވޯޓުލާން ދާންޖެހޭ ނަމަ މިފަހަރު އޮވެދާނެ 1،000 ނުވަތަ 800 އަށް ބަދަލުވެފައި. ... މީހުންނަށް އެކަން ފަސޭހަވީމަ ލުއިވީމަ އެކަމުން ނުކުންނާނެ ފަސޭހަތަކެއް ހުންނާނެ. މައްސަލަތައް ކުޑަވާނެ،" ފަޔާޒު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ 2008 ގެ އިންތިހާބުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ވޯޓުލާ މީހުންގެ ރަޖިސްޓްރީގެ މައްސަލަ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަތައް މަދުކުރުމަށް ދުރާލައި އިލެކްޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ސިޔާސީ ގިނަ ޕާޓީތަކެއް ވާދަކޮށްގެން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބަށް ފަހު، ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިތުރުން ބައި އިލެކްޝަންތައް ބާއްވަމުން އަންނައިރު، ވޯޓުލުމުގެ ހައްގު ލިބިފައި ތިބި މީހުންގެ ރަޖިސްޓްރީއާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް މަދުކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ބައި އިލެކްޝަންތަކުން ވެސް މި ފެނުނީ ކުރިއަށް ވުރެ އެތައް ތަނެއް ރަޖިސްޓްރޭޝަން ރަނގަޅުވެއްޖެ ތަން. ކުރީގައި ދިމާވި މައްސަލަތައް ނެތި ޒީރޯ އަށް މައްސަލަތައް އަތުވެއްޖެ ބައެއް ބައި އިލެކްޝަންތަކުގައި،" އަލީ މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަޖިސްޓްރީ އިސްލާހުކުރުމުގެ މަސައްކަތް އިލެކްޝަނުން މި އަހަރު ވަރަށް ކުރިން ފެށީ ވެސް ދިމާވާނެ މައްސަލަތައް މަދުކުރުމަށެވެ. މިހާރު ގޭގެއަށް ފޮނުވައިގެން ރަޖިސްޓްރީ އިސްލާހުކުރަމުން އަންނަ ކަމަށާއި ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ރަޖިސްޓްރީ އަންނަ މެއި މަހުގެ ތެރޭގައި ގެޒެޓްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ މުހައްމަދު ވިދާޅުވީ 2008 ގައި އަމަލުކުރި ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް ބަދަލު ގެނެސް އާ ގަވާއިދެއް އެކުލަވާލައި އާއްމުންގެ ހިޔާލަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އިލެކްޝަނުން އުއްމީދުކުރަނީ ޕާޓީތަކާއި އާއްމުން ވެސް އެ ގަވާއިދަށް ހިޔާލު ހުށަހެޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އަންނަ މަހުގެ ހަތެއްގެ ނިޔަލަށް އެ ގަވާއިދަށް ހިޔާލު ހުށަހެޅޭނެ އެވެ.
މިދިޔަ އިންތިހާބާ އަޅާބަލާއިރު މި އަހަރު ވޯޓު ފޮށި އިތުރުވާނެ ކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 556 ވޯޓު ފޮށި ބަހައްޓާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދަށް އައުމާ އެކު ސިޔާސީ ޕާޓީތަކުގެ ގަވާއިދު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މެއި މަހުގެ ނިޔަލަށް އެ މަސައްކަތް ނިމޭނެ ކަމަށް ވެސް އަލީ މުހައްމަދު މަނިކު ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި މައްސަލަތައް މަދުވާނެ: އިލެކްޝަންސް ކޮމިޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ