ސުޕްރީމް ކޯޓް ގައިޑްލައިނަށް ގާނޫނީ ސިފަ ގެންނަން ޖެހޭ: އަނިލް

މިދިޔަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމުގައި ހިމަނާފައިވާ، އިންތިހާބުތައް ބޭއްވުމުގެ ގައިޑްލައިންގައި ހުރި ނުކުތާތައް އިންތިހާބާ ގުޅޭ ގާނޫނުތަކުގައި ހިމަނަން ޖެހޭ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިންތިހާބީ ނިޒާމު އިސްލާހު ކުރުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ އެކު މިއަދު ބަނޑޮސް އައިލެންޑް ރިސޯޓްގައި ފެށި ސިމްޕޯޒިއަމް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރެފައިވާ އިންތިހާބުތައް ބޭއްވުމާ ގުޅޭ 16 ނުކުތާއަށް ހަމައެކަނި ގައިޑްލައިނެއްގެ ގޮތުގައި އަމަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި އެ ގައިޑްލައިންގައި ހުރި ކަންކަން އިންތިހާބާ ބެހޭ ގާނޫނުތަކުގެ ތެރޭގައި ހިމަނަން ޖެހިފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގައިޑްލައިންގައި ހުރި ކަންތައްތަކުގެ ތެރެއިން ގާނޫނުތަކުގައި ހިމަނާނެ ކަންކަން މަޖިލީހުން ކަނޑައަޅަން ޖެހެ އެވެ.
އޭޖީ އަނިލް މިއަދުގެ ބައްދަލުވުމުގައި ބައިވެރިންނާ ވާހަކަ ދައްކަވަނީ: އިންތިހާބީ ނިޒާމަށް ބަދަލު ގެނައުމުގެ މަސައްކަތްތައް އަވަސް ކުރަން ޖެހޭ ކަމަށް ވިދާޅުވި. -- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން "އޭގައި އެ ހުރީ އަޅުގަނޑުމެންގެ އިންތިހާބީ ނިޒާމު ހަރުދަނާ ކުރުމަށާއި އިންތިހާބުތައް އިންސާފުވެރިކޮށް ކުރިއަށް ގެންދިޔުމަށް އެންމެ މަތީ ކޯޓަށް ފެންނަ ކަންކަން. ނޫނީ ކުރަން ޖެހޭ ކަންކަން. އެހެން ވީމާ އެ ކަންތައްތައް މަޖިލީހަށް ހުށަހަޅައިގެން އެބޭފުޅުން ނިންމަވާ ގޮތެއްގެ މަތިން ކުރިއަށް ގެންދެވުމަކީ މިހާރު ވެސް އަޅުގަނޑުމެން ކުރަން ޖެހިފައި އޮތް ކަމެއް،" އަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބުތަކުގައި ކުރިމަތިވާ މައްސަލަތަކާ ގުޅިގެން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ލަސްނުކޮށް ވީހާ ވެސް އަވަހަކަށް ގެންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބު ބޭއްވި އިރުވެސް ކުރީގެ އިންތިހާބުތަކުގައި ކުރިމަތިވި މައްސަލަތަކަށް ބަލައި ގާނޫނުތައް އިސްލާހުކޮށްފައި ނެތް ކަމަށް ވެސް އަނިލް ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވެސް ބޮޑެތި މައްސަލަތައް ކުރިމަތިވި ކަން ބަންޑާރަ ނާއިބު ފާހަގަކުރެއްވި އެވެ.
އަނިލް ވިދާޅުވީ އާ ގާނޫނު އަސާސީގެ ދަށުން ހަ އިންތިހާބެއް ބާއްވާފައިވާ އިރު، އޭގެ ތެރޭގައި ކުރިމަތިވި މައްސަލަތައް ހައްލުކޮށް، މިއީ އިންތިހާބީ ގާނޫނަތަކަށާއި ނިޒާމަށް އިސްލާހު ގެންނަން ޖެހޭ ވަގުތު ކަމަށެވެ.
"މިހާރު މި އޮތް ގޮތުން ތިން އަހަރު ފަހުން އަނެއްކާ އަޅުގަނޑުމެންނަށް އިންތިހާބެއް އަންނާނީ. އޭގެ ކުރިން ގާނޫނުތަކަށާއި އިންތިހާބީ ނިޒާމަށް ބަދަލުތައް ގެންނަން އަޅުގަނޑުމެންނަށް ފުރުސަތު ލިބިފައި މި އޮތީ. އެބަ ޖެހޭ ތަޖުރިބާތަކުގެ މައްޗަށް ބަލައިގެން މި ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން. އެހެން ނޫނީ އަނެއްކާ ކުރިން ކުރިމަތިވި މައްސަލަތައް އަޅުގަނޑުމެންނަށް ދިމާވާނީ،" އަނިލް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގެ ބައެއް ބައިވެރިން: އިންތިހާބުތަކުގައި އާންމުކޮށް ދިމާވާ މައްސަލަތަކަށް ހޯދޭނެ ހައްލުތަކާ ގުޅޭ ގޮތުން ބައިވެރިން މަޝްވަރާ ކުރައްވާނެ. -- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އިންތިހާބުތަކާ ގުޅޭ ގާނޫނުތައް އިސްލާހު ކުރުމަށް ކުރާ މަސައްކަތުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތަކުގެ ގޮތުގައި އަނިލް ފާހަގަ ކުރެއްވީ، މީގެ ކުރިން އިންތިހާބުތައް އޮބްޒާވް ކުރި ބޭރުގެ ފަރާތްތަކުން ދީފައިވާ ލަފާތައް ބަލައިގަނެގެން އެކަންތައްތަކާ އެއްގޮތަށް ގާނޫނުތައް އިސްލާހު ކުރުމެވެ. އަދި ރީ ރެޖިސްޓްރޭޝަން މައްސަލަ އާއި މާލޭގެ ދަފްތަރުގައި ތިބި ފަރާތްތަކުން ވޯޓްލާނެ ދާއިރާއެއް ކަނޑައަޅާނެ އުސޫލަކާއި ޝަކުވާ ހުށަހެޅުމުގެ ނިޒާމު ހަރުދަނާ ކުރާނެ ގޮތްތަކެއް ގާނޫނުތަކުގައި ހިމަނަން ޖެހިފައިވާ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.
ބަންޑާރަ ނާއިބު ވިދާޅުވީ ވޯޓު ވިއްކުމުގެ މައްސަލަ އާއި ކެމްޕޭނަށް ކެންޑިޑޭޓުން މާ ގިނައިން ހަރަދު ކުރުމުގެ މައްސަލައަށް ވެސް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ މަގާމުތަކަށް އަންހެނުން އިންތިހާބުވާ ނިސްބަތް މަދުވާތީ އެކަމަށް ވެސް ގާނޫނުތަކުގެ ތެރެއިން ހައްލުތަކެއް ހޯދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަޝްވަރާތަކުގައި އަޅުގަނޑުމެން އެބަ ޖެހޭ މިފަދަ ކަންކަމަށް ރިއާޔަތް ކުރަން. މިއީ އަޅުގަނޑުމެން 2008 ގައި މިގެނައި ނިޒާމު ހަރުދަނާ ކުރަން ވަރަށް މުހިންމު މަސައްކަތެއް،" އަނިލް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ މަންދޫބުން ވެސް ބައިވެރިވެގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ ސިމްޕޯޒިއަމްގައި ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަންނާނެ އެވެ. އަދި އިންތިހާބުތަކުގައި އާންމުކޮށް ދިމާވާ މައްސަލަތަކަށް ހޯދޭނެ ހައްލުތަކާއި އިންތިހާބީ ނިޒާމަށް ބަދަލު ގެންނަން ޖެހޭ ގޮތްތައް ބައިވެރިން ހޯދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ