"ހުރިހާ ގޮތަކުން އެހީވާނަމޭ" ގާސިމް ވިދާޅުވީ ރިޝްވަތުދިނުމުގެ މާނާގައި: ދައުލަތް
ޖުމްހޫރީ ޕާޓީ ދޫކޮށް، ޕީޕީއެމަށް ވަޑައިގެންނެވި މެމްބަރުން، އަލުން ޖޭޕީއާ ގުޅިވަޑައިގެންފިނަމަ "އެހެން ގޮތް ގޮތުން ވެސް އެހީވާނަމޭ" ވިދާޅުވެ ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅަކީ ރިޝްވަތުގެ މާނައިގައި ވިދާޅުވި ވާހަކަފުޅެއް ކަމަށް ދައުލަތުން ބުނެފި އެވެ. ދައުލަތުން އެހެން ބުނެފައި ވަނީ ގާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގަ އެވެ. ރިޝްވަތުގެ ތުހުމަތު ގާސިމްގެ މައްޗަށް ކުރަނީ ކޮން މީހަކަށް ރިޝްވަތު ދޭން އުޅެގެންތޯ ދިފައީ ވަކީލުން ކޮށްފައިވާ ސުވާލަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލާ ނިއުމާ މުހައްމަދު ވަހީދު ވިދާޅުވީ ވަކި މީހަކަށް ނޫނަސް ވަކި ބަޔަކަށް ވެސް ރިޝްވަތު ހުށަހެޅިދާނެ ކަމަށެވެ. ގާސިމް ދެއްކެވި ވާހަކަފުޅަށް ބަލާއިރު، ރިޝްވަތު ހުށަހަޅަން އުޅުއްވީ މަޖިލިސް މެމްބަރުންނަށް އެކަނިކަން އެނގޭ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ގާސިމްގެ ވާހަކަފުޅުން މާލީ ގޮތުން އެހީވާނަމޭ ބުނި ކަމަށް ދޭހަވާ ކަމަށް ދައުލަތުން ބުންޏެވެ. ވޯޓު ދިނުމާއި ވޯޓު ނުދިނުމަކީ މަޖިލިސް މެމްބަރުންނަށް އޮތް އިޚްތިޔާރެއް ކަމަށާއި ވަކި ގޮތަކަށް ވޯޓުދޭން އެދުނުކަން ގާސިމްގެ ވާހަކައިން ދޭހަވާ ކަމަށް ވަކީލާ ވިދާޅުވިއެވެ. ގާސިމްގެ މައްޗަށް ދައުވާ ކުރީ އޭނާ ފާޅުކޮށްފައިވާ ޚިޔާލެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށާއި ދައުވާ ކުރީ ދައްކާފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް ސުވާލުތަކެއް ކުރެއްވިއެވެ. އެހީތެރިވުން ޚިލާފު ވަނީ ކޮން ގާނޫނަކާތޯ ނޫރު ސުވާލު އުފެއްދެވިއެވެ. އަދި އެހީތެރިވުމަކީ އިސްލާމްދީނުގައި ވެސް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ގާސިމް ދެއްކެވި ވާހަކަ ޚިލާފުވަނީ އިސްލާމްދީނުގެ ކޮން އަސްލަކާތޯ ވިދާޅުވެ ވެސް ނޫރު ސުވާލު އުފެއްދެވިއެވެ. ދައުލަތުން ކުރާ ދައުވާގައިވާ ފަދައިން ގާސިމް ވާހަކަދެއްކެވި ކަމަށް އޭނާގެ ފަރާތުން އިއުތިރާފުވެފައިވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެކަމަށް ރައްދު ދެއްވަމުން ގާސިމްގެ ވަކީލު ހިސާން ހުސައިން ވިދާޅުވީ އޭނާ ވާހަކަފުޅު ދެއްކެވީ ދައުލަތުގެ ވަކީލު ވިދާޅުވާ އިބާރާތުން ނޫން ކަމަށެވެ. ހަމައެހެންމެ ގާސިމް ވާހަކަފުޅުދެއްކެވީ ދައުވާގައިވާ އިބާރާތުން ނޫން ކަމަށާއި އޭނާ ވާހަކަފުޅުދެއްކެވީ ޖަލްސާގެ ރެކޯޑިންގައިވާ އިބާރާތުން ކަމަށް ހިސާން ވިދާޅުވިއެވެ. ގާސިމްގެ ފަރާތުން މިއަދު ވަނީ ދިފާއީ ހެކިތަކެއް ހުށަހަޅުއްވައިފައެވެ. މަސީހާ އެއްކޮޅަށް ވޯޓު ހޯދަން ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން ދެއްކެވި ވާހަކައިގެ ވީޑިއޯ ރެކޯޑިން ހިމެނޭ ސިޑީއެއް ވަނީ ދިފައީ ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައެވެ. އިދިކޮޅު ކޯލިޝަންގެ އެއްބަސްވުމާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޔައުމިއްޔާގެ އިތުރުން މަޖިލީހުގައި ނަގާ ވޯޓުތަކަށް ތާއީދު ހޯދަން މަސައްކަތް ކުރުމަކީ އެމެރިކާގެ ގާނޫނުގައި އޮންނަ ކަމެއްކަން ސާބިތުކުރަން ވަނީ އެ ގައުމުގެ ގާނޫނެއް ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ