ރައުދާގެ ގަބުރު ނަގަން ކޯޓުން ހުއްދަ ދީފި

ބަންގްލަދޭޝްގެ ރާޖް ޝާހީ ސިޓީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖް ގެ ހޮސްޓެލް އެއްގައި ދަންޖެހިފައި ހުއްޓައި ފެނުނު ރާއްޖޭގެ ދަރިވަރު ރައުދާ އާތިފުގެ ހަށިގަނޑު ކޮނެގެން ނަގައި، އަލުން އޮޓޯޕްސީ ހެދުމުގެ ހުއްދަ ރާޖްޝާހީގެ މެޓްރޮޕޮލިޓޭން ކޯޓުން މިއަދު ދީފިއެވެ.
އަލުން އޮޓޯޕްސީ ހަދަން ރައުދާގެ ހަށިގަނޑު ނެގުމުގެ ހުއްދައަކަށް ކޯޓްގައި އެދުނީ ރާޖްޝާހީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ( ސީއައިޑީ) އިންނެވެ.
ރައުދާގެ ހަށިގަނޑު އަލުން ނަގައި އޮޓޯޕްސީ ހެދުމަށް ހުއްދަ ދިން އަމުރުގައި ބުނެފައި ވަނީ ރައުދާގެ އޮޓޯޕްސީ ހަދަންވާނީ ކޯޓުގެ ފަނޑިޔާރެއް ކަމަށްވާ މަގުބޫލު ހުސައިންގެ ހާރިޒުގައި ކަމަށެވެ. ސީއައިޑީ އިން ބުނީ ރައުދާގެ އޮޓޮޕްސީ ހަދާނީ ނިއުޓްރަލް މެޑިކަލް ބޯޑަކުން ކަމަށާއި އެކަން ކުރާނެ ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށެވެ.
ރައުދާގެ އޮޓޯޕްސީ އަލުން ހަދަން ހުއްދައަށް އެދުނީ ރައުދާގެ އޮޓޮޕްސީ ރިޕޯޓުން އޭނާ މަރުވީ އަމިއްލައަށް ކަމަށް ހާމަވި ނަމަވެސް އޭނާގެ ބައްޕަ އެކަން ގަބޫލު ނުކުރާތީ ކަަމަށް ސީއައިޑީގެ ފަރާތުން ވާހަކަ ދެއްކެވި ނަޒްމުލް ކަރީމް ހާން އިއްޔެ ވަނީ ވިދާޅުވެފައެވެ. މައްސަލާގެ ތަހުގީގުގައި އެއްވެސް އުނި ކަމެއް ބާއްވަން ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ބަންގްލަދޭޝްގައި ރައުދާ މަރުވެފައިވާއިރު އާއިލާއިން ދަނީ ރައުދާ ގަސްދުގައި މަރާލީ ކަމަށް ތުހުމަތުކުރަމުންނެވެ. އެކަމުގެ އެންމެ ބޮޑު ތުހުމަތެއް އާއިލާއިން ކުރަނީ އޭނާގެ އެކުވެރިޔާ ސީރަތު ޕަރްވީން މުހައްމަދަށެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް އެ ގައުމަށް ދިޔަ ދިވެހި ފުލުހުންގެ ޓީމުން ބުނެފައިވަނީ ރައުދާގެ މަރުގައި އެއްވެސް އަދާޔާ ހިލާފު ކަމެއް ފާހަގަނުވާ ކަމަށެވެ. އަލާމަތްތައް ހުރީ އަމިއްލައަށް މަރުވުމާ ދިމާލަށް ކަމަށެވެ. ސީރަތަށް ތުހުމަތުކުރެވޭ ވަރުގެ ހެއްކެއް ވެސް ނެތް ކަމަށް ދިވެހި ފުލުހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ