ސުޕްރީމް ކޯޓުގެ ހުކުމަކާ ދެކޮޅަށް މަޖިލީހުގައި ވޯޓެއް ނުނެގޭނެ: ޕީޕީއެމް

ސުޕްރީމް ކޯޓުގެ ހުކުމަކާ ދެކޮޅަށް މަޖިލީހުގައި ވޯޓެއް ނުނެގޭނެ ކަމަށް ބުނެ، ހުޅުމާލޭގައި ކޯޓު ނުހެދޭގޮތަށް ހުށަހެޅި ބިލް ބަލައިގަތުމަށް ވޯޓުދެއްވި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މެމްބަރުންނަށް ޕީޕީއެމުން ފާޑުކިޔައިފި އެވެ.
ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓު ނުހެދޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު ހުށަހެޅުއްވި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަތުމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތަލިބާއި ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް ވޯޓު ދެއްވީ އެމްޑީޕީގެ ފިކުރަށް ކަމަށެވެ. މީގެ އިތުރުން ޖަލްސާގައި އުޅުއްވުމަށް ފަހު ވޯޓަށް އެހިވަގުތު މާމިގިލީ ދާއިރާގެ ރައީސް ގާސިމް އިބްރާހީމް މަޖިލީހުގައި ވަޑައިގެން ނޫޅުއްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ބިލް ބަލައިގަތުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި 63 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއިރު ބިލް ބަލައިގަތީ 32 ވޯޓާ އެކުގަ އެވެ. އެ ބިލް ބަލައިގަތުމަށް ނުފެންނަ ކަމަށް 31 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
"އަޅުގަނޑު ވެސް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރާތާ ހަތަރު އަހަރު މިވީ. އަދި މިވީހާ ދުވަހަކަށް އަތް އޮޅިފައެއް ނެތް، ބަޓަން އޮޅިފައެއް ނެތް. ވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން މަޖިލީހުގައި އަތް އޮޅިގެން ވޯޓުލެވޭނެ ކަމަކަށް. އަޅުގަނޑު ގަބޫލުކުރަނީ އެއީ ގަސްތުގައި ރާވައިގެން ނުވަތަ ރޭވިގެން ބޭނުންވާ ގޮތަށް ކަމަށް އެ ވޯޓުލެވެނީ،" މުއްތަލިބަށް ވޯޓުދެއްވުނީ އޮޅިގެން ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީއާ އެއްކޮޅަށް ބައެއް މެމްބަރުން ވޯޓު ދެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައި ހުރި ކަންކަން ނުބަލައި ލަސްކުރަން މަގުފަހިވާގޮތަށެވެ. އަދި މިއަދުގެ ވޯޓުދީފައިވާ ގޮތުން ސަރުކާރު ކޯލިޝަންގައި އިހްލާސްތެރިކަމާ އެކު ތިބީ ކޮންބައެއްކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރައްޔިތުންނަށް ޔަގީންކަން އަރުވަމުން މި އަންނަނީ އަޅުގަނޑުމެން އަބަދުވެސް އޮންނާނީ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާށޭ. ސަރުކާރާ ދޭތެރޭގައި ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް ސަރުކާރު ނުވަތަ ރައްޔިތުންނަށް ނުވަރަ ޝަރުއީ ދާއިރާ އަށް ގެއްލުމެއް ލިބޭ އެއްވެސް ކަމެއް ޕީޕީއެމުން ނުކުރާނެއޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރުންނާ ދިމާކުރާތީ ކަމަށް ބުނެ އާޓިފިޝަލް ބީޗަށް އެއްވެ އަޑުއުފުލުމަކުން ނުފުދެ އެވެ. އެކަން އަމަލީގޮތުން ވެސް ރައްޔިތުންނަށް ދައްކައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭ ކޯޓު ނުހެދޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، އެއީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ހުޅުމާލޭ ކޯޓު ނުހެދޭ ގޮތަށް ނަޝީދު ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ސުޕީރިއާ ކޯޓުތައް ކަމަށްވާ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓު އަދި ޑްރަގް ކޯޓު މާލޭގައި ގާއިމްވުމާ އެކު އިތުރު އެއްވެސް މެޖިސްޓްރޭޓް ކޯޓެއް މާލޭގައި ހުރެގެން ނުވާނެ ކަމަށެވެ. ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ގާއިމް ކޮށްފައިވާއިރު ހުޅުމާލެ އަކީ މާލޭގެ އަވަށެއްގެ ގޮތުގައި ބަލަމުން އަންނަ ތަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ