ކުނޫޒުގެ ކައްގަލަށް ކޮނުނަސް ގާސިމް ފްރޭމްކުރެވޭނެ އެއްޗެއް ނުފެންނާނެ: އަމީން

ޖުމުހޫރީ ޕާޓީ ހިންގަމުންދާ ގޮތާއި މެދު ސުވާލުކޮށް އެޕާޓީގެ އޮފީސް ހިންގާ މ. ކުނޫޒު، ކައްގަލަށް ދަންދެން ކޮނުނަސް ގާސިމް އިބްރާހިމް ފްރޭމްކުރަން ބޭނުންކުރެވޭނެ އެއްޗެއް އެތަނުން ނުފެންނާނެ ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަމީން އިބްރާހިމް މިހެން ވިދާޅުވީ އަނިޔާވެރިކަން ނިންމަން މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމުގައިވާ 2015 ވަނަ އަހަރުގެ މޭޑޭގައި ބޭއްވި މުޒާހަރާއަށް ދެއަހަރު ފުރުމާއި ގުޅިގެން ދުވަހުގެ ތަހުނިޔާ ދަންނަވައި މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ
ޖޭޕީގެ ބައެއް އިސް ބޭފުޅުންނަށް ތަކުރާރުކޮށް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރަމުން ގެންދާތީ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކޮށްފައިވާތީ އެކަމާ ގުޅިގެން ވެސް އަމީން ވަނީ ޓްވީތްތަކެއް ކުރައްވާފަ އެވެ.
އަމީން އިބްރާހިމްގެ ޓްވީޓްގައި ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކޮއްޓަކަށް ލައި އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަބުދުﷲ ރިޔާޒާއި ޕާޓީގެ މަޖިލިސް މެންބަރު އަލީ ހުސައިން ފަހާ ފުލުހުން ދުވަނީ ޖޭޕީ އާއި މެދު ކޮން ޒާތީ ހަސަދައެއް އޮވެގެންތޯ ސުވާލު ކުރައްވާފަ އެވެ.
އަމީން ވިދާޅުވީ މީހަކު ގޮތްހުސްވެ ޒާތީވިޔަސް ފުލުހުންގެ ލޯގޯގައިވާ ހުންގާނު ރަމްޒުކޮށްދޭ މާނަ ކަސިޔާރުކޮށް ދީލާނުލުމަށް ފުލުހުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
މީގެ އިތުރަށް މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެންް އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނިޔާވެރިކަން ނިންމަން މޭޑޭގައި އެބޭފުޅުން ނިކުތް ސަބަބު ބަދަލުވެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ. އެހެންކަމުން އާ އަޒުމަކާއިއެކު ރައްޔިތުންގެ ސަފުތައް އަލުން ރުކުރުވާލަން ނުވޭތޯ އަމީން ވަނީ ސުވާލު ކުރައްވާފައި އެވެ.
މީގެ ދެ އަހަރު ކުރިން ބޭއްވި މޭޑޭގެ މުޒާހަރާގައި އިސްކޮށް ހުންނެވުމާ ގުޅިގެން އަމީންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ