ހޮނިހިރުދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ތައްޔާރީތައް ކުރިއަށް ގެންދަނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށްތޯ ބެލުމަށް ހޯމް މިނިސްޓްރީއަށް ރައީސް މުހައްމަދު ވަހީދު މިއަދު އަންގަވައިފި އެވެ.
ރައީސް އޮފީހުން ނެރެނު ބަޔާނެއްގައި ބުނީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކަންތައްތައް މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިޔުމަށް ހޯމް މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކުން ކުރަން ޖެހޭ ކަންތައްތައް ކުރަމުން ގެންދިޔުމަށް ވެސް އެ މިނިސްޓްރީ އަށް ރައީސް އަންގަވާފައިވާ ކަމަށެވެ. އަދި އިންތިޚާބާ ބެހޭ ގޮތުން ހިނގަމުންދާ ކަންތައްތަކުގެ ފުރިހަމަ މައުލޫމާތު ރައީސްއާ ހިއްސާކުރަމުން ގެންދިޔުމަށް ވެސް އެމަނިކުފާނު އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ގޮތަށް ރައީސް އެންގެވީ ރައީސް އޮފީހުން ބުނި ގޮތުގައި، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ގާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރި ކުރުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށް ކަނޑައަޅާފައިވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިދިޔަ މަހު ހަތެއްގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލްކޮށް، އަލުން އިންތިޚާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައި 16 ނުގުތާ ހިމެނޭ ގައިޑްލައިނެއްވެ އެވެ. އިންތިޚާބުގެ ފުރަތަމަ ބުރު އަންނަ އާދީއްތަ ދުވަހުގެ ކުރިން ބޭއްވުމަށާއި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އަންނަ މަހު ތިނެއްގެ ކުރިން އެކަން ކުރަން ޖެހޭނެ ކަމަށާއި އިންތިޚާބުގެ ހުރިހާ ކަމެއް ކުރަން ޖެހެނީ އެ ގައިޑްލައިންގައިވާ ގޮތުގެ މަތިން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އިންތިޚާބުގެ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ސަރުކާރުގެ އިދާރާތަކުގެ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަހީދު ވަނީ ކުރިން ދެއްވަފައިފަ އެވެ.
އިންތިޚާބުގެ ތައްޔާރީތައް ކުރިއަށް ގެންދަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތްތޯ ބަލަން ރައީސް އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ