ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް: ނަޝީދު

ގާނޫނޫ އަސާސީއާ ހިލާފަށް ޣައިރު ގާނޫނީ އަމުރުތައް ނެރެ ސުޕްރީމް ކޯޓުން ދައުލަތާ އިދިކޮޅު އަމަލުތައް ހިންގަމުންދާ ކަމަށާއި އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންނަކީ މިހާރު "ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް" ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.ހަތަރު ފަނޑިޔާރުންގެ ނަމެއް ނަޝީދު ވިދާޅުނުވި ނަމަވެސް ބޮޑަށް ބެލެވޭ ގޮތުގައި އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ އަބްދުﷲ ސައީދާއި އަލީ ހަމީދާއި އާދަމް މުހަންމަދު އަދި ޑރ. އަހުމަދު އަބްދުﷲ ދީދީ އަށެވެ. އެއީ
އިންތިހާބު ބާތިލްކުރުމުގެ ރައުޔު އެއްގޮތްވި ހަތަރު
ފަނޑިޔާރުންނެވެ.ސެޕްޓެމްބަރު ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމް އެމްޑީޕީގެ ގާނޫނީ ޓީމަކުން ދިރާސާކޮށް އޭގައި ހުރި އުނިކަންކަން މީޑިއާތަކާ ހިއްސާކުރުމަށް މަންދު ކޮލެޖުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ނަޝީދު ވިދާޅުވީ ޖުމަލަ 473 މައްސަލަ ފާހަގަކޮށް އިންތިހާބު ބާތިލްކުރިއިރު އެއީ ނަތީޖާ އަށް ބަދަލު އަންނަ އަދަދެއް ނޫން ކަމަށެވެ. އެހެންކަމުން މުޅި އިންތިހާބު ބާތިލްކުރެވޭނެ ގާނޫނީ ހަމައެއް އަދި ބައިނަލްއަގުވާމީ އުސޫލެއް ވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.ސުޕްރީމް ކޯޓުން އިންތިހާބު ބާތިލްކުރަން ނިންމި ނިންމުމަކީ ނަޝީދު ވިދާޅުވި ގޮތުގައި، ގާނޫނީ ހަމަތައް ދޫކޮށްލައި، ސިޔާސީ ފަރާތްތަކާ ގުޅިގެން އަމިއްލަ މަސްލަހަތު ދިފާއުކުރުމަށް ހިންގާފައިވާ ބޮޑު ޖަރީމާ އެކެވެ. އެ ޖަރީމާ ހިންގި ފަނޑިޔާރުންނަށް ކޮންމެވެސް ދުވަހަކު އަދަބު ލިބޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ."އަޅުގަނޑު ދެކޭގޮތުގައި ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް. އަޅުގަނޑު ސަލާމަތީ ބާރުތަކުގައި ވަރަށް އިހްލާސްތެރިކަމާ އެކު އެދެން ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތް އެބޭފުޅުން ހިފަހައްޓަވައިދެއްވުމަށް. އެ ނުރައްކަލުން އަޅުގަނޑުމެން ރައްކާތެރިކޮށްދެއްވުމަށް،" ނަޝީދު ވިދާޅުވި އެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މިހާރު ފާޑުވިދާޅުވާއިރު އެ ކޯޓުގެ ބެންޗް އެކުލަވާލުމަށް ނަންތައް ފޮނުއްވީ އެމަނިކުފާނުގެ ވެރިކަމުގައި ނޫންތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ "ކުށެއް ސާބިތުނުވާ ކޮންމެ މީހަކީ ކުށެއް ނެތް މީހެއް ކަމަށާއި" އެ ބޭފުޅުންގެ ނަން ފޮނުއްވިއިރު "އެހެން ބާވަތެއްގެ ކަންކަމަށް ޝައުގުވެރި ބޭފުޅުންތަކެއް ކަމަށް ހީފުޅުނުކުރައްވާ" ކަމަށެވެ. އެކަމަކު އެ ބޭފުޅުންގެ ޝައުގުވެރިކަން ހުރި ކަންކަމާއި ކުރެއްވި ބައެއް ކަންކަން މިހާރު ސާފުވުމުން ފިޔަވަޅު އަޅާނެ ގޮތްތައް ވެސް އެބަހުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ލިސްޓުގައި ހިމެނޭ 18 އަހަރު ނުފުރޭ ކަމަށް ބުނާ 41 މީހެއްގެ ނަން އޮތް ކަމަށް ބުނެފައިވީ ނަމަވެސް ވޯޓުދީފައި ވަނީ ހަތް މީހުން ކަމަށެވެ. އެ ހަތް މީހުންނަކީ 18 އަހަރުން ދަށުގެ މީހުންތޯ ނުވަތަ ނޫންތޯ ފަނޑިޔާރުންނަށް ސާފުނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.ޖުމްހޫރީ ޕާޓީގެ ދެ ވަނަ ޝަކުވާ އަކީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި މަރުވެފައިވާ 669 މީހުންގެ ނަން ހިމަނާފައިވާ ކަމަށް ބުނުމެވެ. އެހެން ނަމަވެސް އެ މީހުންގެ ތެރެއިން ފަނޑިޔާރުން ފާހަގަކޮށްފައިވާ ގޮތުގައި ވޯޓުލާފައި ވަނީ 18 މީހުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އޭގެ ތެރެއިން ވޯޓުލާފައިވާ ކަމަށް ފަނޑިޔާރުން ވިދާޅުވާ 14 މީހަކީ މަރުވެފައި ތިބި މީހުންތޯ ސާބިތު ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.ނަޝީދު ވިދާޅުވި ގޮތުގައި ލިސްޓުގައި 204 މީހެއްގެ ނަން ރިޕީޓްވެފައި އޮތް ކަމަށް ޖުމްހޫރީ ޕާޓީން ބުނި ނަމަވެސް ސުޕްރީމް ކޯޓަށް ފެނުނީ އޭގެ ތެރެއިން 22 ނަމެކެވެ. އޭގެ އިތުރުން ވެސް ބައެއް ކަންކަން އެމްޑީޕީގެ ވަކީލުންގެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.ނަޝީދު ވިދާޅުވީ އިންތިހާބު ބާތިލްކުރުމަށް ފަހު ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ގައިޑްލައިނެއް އެކުލަވާލާފައިވާއިރު އެއީ ފަނޑިޔާރުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ."އެ ބޭފުޅުން އެ ކުރައްވަނީ ޣައިރު ގާނޫނީ ކަމެއް. އެތައް ރައްޔިތުންގެ ހައްގަކަށް އެ އަރާވަޑައިގަންނަވަނީ. އަޅުގަނޑު ދެކޭގޮތުގައި އެ ބޭފުޅުންނަށް އެކަމުގެ ހައްގު އަދަބު ލިބޭނެ. ހަމަ އެއާއެކު ސުޕްރީމް ކޯޓުން ޣައިރު ގާނޫނީ އަމުރު ކުރީމަ އެއަށް ތަބާވާކަށް ވެސް ނުޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވީ ވޯޓު ހައްގުވާ ލިސްޓު ގެޒެޓްކޮށް ރީ-ރެޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައި ވަނިކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރެ އަލުން ރަޖިސްޓްރޭޝަން ކުރިއަށް ގެންދަން އަންގާފައިވާ ކަމަށެވެ. ގައިޑްލައިނާ އެއްގޮތަށް ރަޖިސްޓްރީކުރަން ހުޅުވާލުމަށް އިލެކްޝަންސްގެ މައްޗަށް އަންގައި ނެރުނު އަމުރަކީ ކުރިން ނެރެފައިވާ އަމުރާ ނުވެސް ގުޅޭ އަމުރެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.ނަޝީދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ރެޖިސްޓްރޭޝަންއާ ގުޅޭ އަމުރު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ސޮއިކުރައްވައި ނެރުނުއިރު، އިންތިހާބާ ގުޅޭ އެއްވެސް ކަމެއްގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބައިވެރިވުމާ ނުލައި ނުނިންމޭނެ ކަމަށް ގާނޫނު އަސާސީގެ 113 ވަނަ މައްދާގައި ބުނެފައިވެ އެވެ.އެމަނިކުފާނު ވިދާޅުވީ މީޑިއާތަކަށް ވޯޓުލާ މަރުކަޒުގައި ކެމެރާ ގެންގުޅެވޭނެ ކަމަށް މިރޭ އަމުރެއް ނެރެފައިވާއިރު އެއީ ވެސް ހަތް ފަނޑިޔާރުންގެ ބައިވެރިވުމާ ނުލައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެހެންކަމުން އެ ކޯޓުން މިހާރު ހިންގަމުން ގެންދަވަނީ ދައުލަތާ އިދިކޮޅު އަމަލުތަކެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ