އަރަބި ދުނިޔޭގެ ގައުމުތަކުން މިހާރުގެ ސަރުކާރާ މެދު ދެކެނީ ވަރަށް ރަނގަޅަށް: މައުމޫން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތުން އަރަބި، އިސްލާމީ ގައުމުތަކުގެ ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް މި ސަރުކާރާ މެދު އެ ގައުމުތަކުގެ ވިސްނުން ރަނގަޅުކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ، ރާބިތަތުލް އާލަމިލް އިސްލާމީގެ އެންމެ މަތީ މަޖިލީހުން މައްކާގައި ބޭއްވި 41 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވަމުން މައުމޫން ވިދާޅުވީ ނަޝީދުގެ ސަރުކާރުގައި ކަންކަން ކުރިއަށްގެންދިޔަ ގޮތް އަރަބި، އިސްލާމީ ގައުމުތަކުގެ ވެރިންނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އެ ކަންތައްތަކާ ދޭތެރޭ ގައުމުތަކުން ހިތްހަމަނުޖެހިފައި ތިބުމަށް ފަހު، މި ސަރުކާރު އައުމުން ހިތްހަމަޖެހުން ފާޅުކޮށް، އުފާފާޅުކޮށްފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އަދި ރާއްޖެ އަށް ހުރިހާ ގޮތަކުން ވެސް އެހީ ދިނުމުގެ މަގުތައް ފަހިކޮށްދެއްވާނެ ކަމަށް [ގައުމުތަކުން] ވިދާޅުވި،" އަރަބި ގައުމުތަކާ އެކު ގާތްގުޅުމެއް ބާއްވަވާ މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ޖަލްސާގައި އިސްލާމީ ގައުމުތަކާ ގުޅޭ މައްސަލަތަކުގައި މަޝްވަރާކޮށް، ދީނީ އަދި ތައުލީމީ ރޮނގުން ކަންތައް ހުރި ގޮތް ބަލައި ރަނގަޅުކުރެވޭނެ ގޮތްތައް ހޯދުމަށް ވާހަކަ ދެކެވުނު ކަމަށެވެ. އަދި މުސްލިމުންގެ މައިނޯރިޓީ އޮންނަ ގައުމުތަކަށް ރާބިތާ އިން އެހީވުމުގެ ކަންތައް ހަމަޖެއްސުމަށް ވެސް މަޝްވަރާކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި އެ ޖަލްސާގައި، ރާއްޖެ އަށް މި ވަގުތު އަދި ވޭތުވެދިޔަ އަހަރު ދިމާވެފައިވާ ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދެއްކި އެވެ. އެ ގޮތުން ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސް، އިޖުތިމާއީ ފޭރާން ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަނެއްކާ އަޅުގަނޑުމެންގެ ރާއްޖޭގައި އިސްލާމީ އަގީދާ އަށް ދިމާވާ ނުރައްކާތެރިކަން އެއީ، ރާއްޖޭގައި ބަޔަކު މީހުން، ބޭރު ބަޔަކު ނަމަވެސް އިސްލާމް ދީން ނޫން އެހެން ދީންތަކަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އޮތީ ގޮސްފައި. އެއީ އަޅުގަނޑުމެންގެ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ލިބިދާނެ ވަރަށް ބޮޑު ނުރައްކަލެއް،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެއީ ރާބިތާގެ ހުރިހާ މެމްބަރުން ވެސް ވަރަށް ކަންބޮޑުވެވަޑައިގެންނެވި ކަމެއް ކަމަށެވެ. ރާބިތާގެ އެންމެ ފަހު ޖަލްސާގައި ނެރުނު ބަޔާނުގައި ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް، ހާއްސަކޮށް އިސްލާމީ އަގީދާ ބަލިކަށިކޮށްލުމަށް ބަޔަކު އުޅޭތީ ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށާއި އެ މައްސަަލަތައް ހައްލު ހޯދުމަށް އެހީދޭން ގޮވާލާފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ރިއާސީ އިންތިހާބާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން މައުމޫން ވިދާޅުވީ 2013ގެ ރިއާސީ އިންތިހާބު ކާމިޔާބުކުރުމަށް ޕީޕީއެމްގެ ފަރާތުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ޕާޓީގެ އުއްމީދަކީ އިންތިހާބު ކާމިޔާބުކުރުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އެހެން ޕާޓީތަކުން ވެސް [އިންތިހާބު ކާމިޔާބުކުރުމުގެ މަސައްކަތް] ކުރައްވާނެ، އެއީ ދެއްތޯ ޑިމޮކްރަސީއަކީ. އެހެން ޕާޓީތަކަށް ވެސް އަޅުގަނޑުމެން މަރުހަބާ ކިޔަން. ހުރިހާ ޕާޓީތަކުން ވެސް މަސައްކަތްކުރައްވަންވީ. އެެހެން ނަމެވެސް ދިވެހި ރައްޔިތުން ދެކޭ ގޮތުގައި ރައްޔިތުންނަށް އެންމެ ފައިދާކުރާނެ، އެންމެ ރަނގަޅުވާނެ ކެންޑިޑޭޓަކަށް ހުރިހާ ރައްޔިތުން ވޯޓު ދެއްވައިގެން އެ ބޭފުޅަކު ކާމިޔާބުކުރައްވާނެ،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރުމުގެ ކަންތައް ކުރިއަށް ގެންދާނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަމަށެވެ. އެގޮތުން ކެންޑިޑޭޓް ހޮވުމަށް ޕާޓީން ރިޔާސީ ޕްރައިމަރީއެއް ބާއްވާނެ ކަމަށާއި އެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ހުރިހާ އެންމެންނަށް ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެއްވެސް ބޭފުޅަކަށް އަޅުގަނޑުމެން ހުރަހެއް ނާޅާނަން. ހުރިހާ ބޭފުޅުންނަށް ފުރުސަތު އޮންނާނެ، އެހެންވީމަ ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތިލެއްވުން ވެސް އެކަށީގެންވޭ. އެހެން ނަމަވެސް އަޅުގަނޑުމެން ބާއްވާ ޕްރައިމަރީގައި އެންމެ ގިނަ ވޯޓު ހޯއްދަވާ ކެންޑިޑޭޓަކު ވާނީ ޕީޕީއެމްގެ ފަރާތުން ރިއާސީ އިންތިހާބުގައި ވާދަކުރައްވާ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ