ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކޮށްނުދިނީ މަޖިލީހުން އެދިގެން އެ ދުވަހުގެ އަޑުއެހުން ކެންސަލްކުރުމުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ކޯޓަށް ހާޒިރުނުވި މައްސަލައިގައި ހާމިދުގެ މައްޗަށް ޖަލު ހުކުމް އިއްވި ނަމަވެސް އޭނާ ވަނީ ގޭ ބަންދަށް ދޫކޮށްފަ އެވެ. އެހެންކަމުން އޭނާގެ ޝަރީއަތް އޮންނަ ދުވަސް ދުވަހު އޭނާ ކޯޓަށް ހާޒިރުކުރަން ކޯޓުން އަންގަނީ ޑީޕީއާރްއެސްއަށެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބަނގުރާ ގެންގުޅުމުގެ ދައުވާ ޝަރީއަތަށް އޭނާ ހާޒިރުކޮށްދީފައެއް ނުވެއެވެ.
ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ހާޒިރުކޮށްނުދިނީ މަޖިލީހުގެ އިދާރާއިން އެދިގެން އެ އަޑުއެހުން ކެންސަލްކުރިކަމުގެ މައުލޫމާތު ލިބުމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޝަރީއަތް އޮންނަ ދުވަސް ދުވަހު ހާމިދު ހާޒިރުކޮށްދޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އެހެން ނަމަވެސް މަޖިލީހުގެ އިމްތިޔާޒްގެ ތެރެއިން އެކަން ކުރަންޖެހޭ ކަމަށް އަޅުގަނޑުމެން ދެކެން،" އުމަރު ވިދާޅުވި އެވެ.
އުމަރު އެގޮތަށް ވިދާޅުވި ނަމަވެސް އެދުވަހު އެ މައްސަލައިގެ އަޑުއެހުން ކޯޓުގައި ކުރިއަށް ގެންދިޔަ އެވެ. އެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ މުހުތާޒް މުހުސިން ވިދާޅުވީ އެ އަޑުއެހުމަށް ޑީޕީއާރްއެސް އަށް ހާމިދު ހާޒިރުނުކޮށްދެވުނު ކަމަށާއި ނަމަވެސް އެކަން ކުރެވެންޖެހޭނެ ކަމަށް ދެކޭ ކަމަށެވެ. އަދި އެ މައްސަލައިގެ ކުރިއަށް އޮތް ދެ އަޑުއެހުމަށް ހާމިދު ހާޒިރުކޮށްނުދީފިނަމަ އެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އަނބުރާ ފޮނުވާލާނެ ކަމަށާއި އެއީ ކޯޓުން އަމަލުކުރާ އުސޫލު ކަމަށް ވެސް ގާޒީ މުހުތާޒް ވިދާޅުވި އެވެ.
ހާމިދުގެ މައްޗަށް ޖަލު ހުކުމެއް އިއްވީ އޭނާގެ މައްޗަށް ދައުލަތުން އުފުލާ ކުޑަކަމުދާތަކެތި ނުދިނުމުގެ ދައުވާގެ ޝަރީއަތަށް ހާޒިރުނުވި މައްސަލައިގަ އެވެ. އެ ހުކުމް ކުރި ނަމަވެސް އޭނާ މަޖިލީހުގެ އިދާރާގައި ހުންނެވުމުން އޭނާ ވަނީ ޖަލަށް ގެންދެވޭ ގޮތް ނުވެފަ އެވެ. އަދި އޭނާ މިހާރު ހުންނަވަނީ ގޭ ބަންދުގަ އެވެ.
ހާމިދު ޖަލަށްލުމަށް ކުރި ހުކުމް އިސްތިއުނާފްކޮށް އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް ވެސް އޭނާ ހާޒިރުވެފައިނުވާތީ އެ ކޯޓުގެ ގަވާއިދުގެ ދަށުން އެ މައްސަލަ ހައި ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ. އެހެންކަމުން އެ މައްސަލަ އަލުން ހުށަހަޅަން ހާމިދަށް ލިބެނީ 15 ދުވަހުގެ މުއްދަތެކެވެ. އޭގެފަހުން އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހާމިދަށް ބަންދުވާނެ އެވެ.
ހާމިދު ކޯޓަށް ހާޒިރުނުކުރީ މަޖިލީހުން އެދިގެން އަޑުއެހުން ކެންސަލްކުރުމުން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ