ހިޔާ ފުލެޓުތަކަށް ކަރަންޓް ދޭއިރު ފުލެޓުގެ ވެރިން ދިޔުމަށް ސްޓެލްކޯއިން އެދިއްޖެ

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ ހިޔާގެ ޓަވަރުތަކަށް މާދަމާ ކަރަންޓު ދޭން ފަށާއިރު ފުލެޓުތަކުގެ ވެރިން އެގަޑިއަށް ފުލެޓުތަކަށް ދިޔުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އެދިއްޖެއެވެ.
ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓަށް ހޮވިފައިވާ ފަރާތްތަކާއިއެކު ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތަކާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގައި އިތުރު މައްސަލައެއް ދިމާނުވާނަމަ، މާދަމާ ހުރިހާ ޓަވަރުތަކަށް ދާއިމީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެކަމަށް މިއަދުވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައެވެ.
މިކަމާއި ގުޅޭގޮތުން ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނީ، ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށް މާދަމާ، 11 އަދި 12 ވަނަ ޓަވަރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އެންގިގެންދާނެ ކަމަށެވެ.
އެހެންކަމުން، އެބޭފުޅަކަށް ޚާއްޞަ ކުރެވިފައިވާ ގަޑިއަށް އެ ކުންފުނިން ދޫކޮށްފައިވާ ސްލިޕާއެކު ޓަވަރުތަކަށް ދިޔުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެއްކަމަށް ވެސް ބުނެފައިވެއެވެ.
ހިޔާ ފުލެޓުތަކަށް ކަރަންޓު ދޭން ފަށާއިރު، އެތަނުން ފުލެޓު ލިބުނު ފަރާތްތަކުން، ފުލެޓަށް ބަދަލުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެޗްޑީސީން ބުނީ ފުލެޓަށް ބަދަލުވުމުގެ ޢަމަލީ މަސައްކަތް ފަށާއިރު، މިކަމަށް ބޭނުންވާ ތަކެތި އުފުލުމަށް ޓަވަރުތަކުގައި ހަރުކޮށްފައިވާ ލިފްޓުތަކުގެ ތެރެއިން، 16 އެޕާރޓްމަންޓްގެ ޓަވަރެއްގައިވާ 3 ލިފްޓުން 2 ލިފްޓު އަދި 20 އެޕާރޓްމަންޓްގެ ޓަވަރެއްގައިވާ 4 ލިފްޓުން 3 ލިފްޓު ބޭނުން ކުރެވޭނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ