ރާއްޖޭގައި މިއަދު ސަރުކާރެއް އޮތްކަމަކަށް ރައްޔިތުން ޤަބޫލެއްނުކުރޭ: އާދަމް ޝަރީފް

ރާއްޖޭގައި މިއަދު ސަރުކާރެއް އޮތްކަމަކަށް ރައްޔިތުން ޤަބޫލުނުކުރާ ކަމަށް ޕީއެންސީގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީންގެ މައްޗަށް 5 އަހަރުދުވަހުގެ ޖަލުހުކުމެއް ކުރިތާ 600 ދުވަސް ވުމާއި ގުޅިގެން "ޗެނަލް 13" އިން ކުރިއަށްގެންދާ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި އާދަމް ޝަރީފް ވިދާޅުވީ އެއްވެސް ޝަރުތަކާއި ނުލައި އިދިކޮޅު ލީޑަރު މިނިވަންކުރަން ޖެހޭކަމަށެވެ.
އާދަމް ޝަރީފް ވަނީ ރައީސް ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދެއްވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
މިއާއިއެކު އޭނާ ވިދާޅުވީ ރައީސް ޔާމީނަށް އެފުރުސަތު ލިބިއްޖެނަމަ މިޤައުމު ސަލާމަތްކުރާނެ ކަމަށާއި،ރައްޔިތުންނަށް ބޭނުންވާނެ ހަރުދަނާ އުސޫލުތަކުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދޭން ޖެހޭކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖޭގައި މިއަދު ސަރުކާރެއް އޮތްކަމަކަށް ރައްޔިތުން ޤަބޫލެއްނުކުރާ ކަމަށާއި މިހިނގަނީ ޤާނުނީ ވެރިކަމެއް ކަމަށްވެސް ރައްޔިތުން ޤަބޫލުނުކުރާކަމަށެވެ.
އަދި މުޅި ރާއްޖޭގެ އެކިހިސާބުތަކުގައި މިއަދު ގޮވަމުން ދަނީ ރައީސް ޔާމީން މިނިވަންކުރުމަށް ކަމަށާއި، ރައްޔިތުން މިއަދު ތިބީ ރައީސް ޔާމީން ވެރިކަމަށް އަންނާނެ ދުވަހަކަށް އިންތިޒާރުގައި ކަމަށްވެސް އާދަމް ޝަރީފްގެ ވާހަކައިގައި ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކޮށްފައިވާ 5 އަހަރުގެ ޖަލުހުކުމް ތަންފީޒުކުރައްވަމުން ގެންދަވާއިރު އެމަނިކުފާނުގެ ވަކީލުން ވަނީ މިމައްސލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރައްވާފައެވެ.
އެހެންނަމަވެސް އަދި މިހާތަނަށް ސުޕްރީމްކޯޓުން މިކަމާއިގުޅޭ ޝަރީޢަތުގެ އަޑުއެހުމެއް ތާވަލުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ