ރިޔާސީ ދެ ކޮމިޝަނަށް 15.5 މިލިއަން ރުފިޔާ ހަރަދުވެއްޖެ, މުސާރައަށް އެކަނި 14 މިލިއަން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ދުވަހު އުފެއްދި ރިޔާސީ ދެ ކޮމިޝަނަށް 15.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ހާމަވެއްޖެ އެވެ.
އިންސާފު ނުލިބި ހުރި މަރުތަކުގެ ހަގީގަތް ހޯދައި، މިިދިޔަ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުން ގެއްލުނު ފައިސާ ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ބޮޑު ދެ ވައުދެވެ. އެކަން ކުރުމަށްޓަކައި އުފެއްދި ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބޮޑެތި ބާރުތަކެއްވެސް ވަނީ ދީފައެވެ.
ސަރުކާރަށް ތިން އަހަރުވީ އިރުވެސް އެ ވައުދުތައް ނުފެއްދޭތީ, އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް, އެ ދެކޮމިޝަނުން ވޭތުވެދިޔަ ހަތަރު އަހަރު ކުރި ހަރަދުތަކުގެ ތަފުސީލު ހޯދައި, އެކަން އާންމުކުރީ ސޯޝަލް އެކްޓިވިސް އައިމަން ލަތީފެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދި އެ މައުލޫމާތުން ހާމަވި ގޮތުގައި މަރު ކޮމިޝަނަށް ހަތަރު އަހަރުން 5.5 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަނަށް 9.95 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.
މަރު ކޮމިޝަންގެ ތަފުސީލުތަކުން އެނގޭ ގޮތުގައި, މިދިިޔަ އަހަރު އަހަރު އެ ކޮމިޝަންގެ މެންބަރުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 4.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ދަތުރުފަތުރަށެވެ. އެކަމަށް 270,363 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ ހަތަރު އަހަރު ކުރި ހަރަދުތަކުގެ ތެރެއިން 9.1 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ ކޮމިޝަންގެ މެންބަރުންގެ މުސާރައަށެވެ. ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ހަރު މުދާ ހޯދުމަށެވެ. އެކަމަށް 667,504 ހޭދަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ