އުމަރު ޒާހިރުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވައިފި

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަލް މަރްހޫމް އުމަރު ޒާހިރުގެ ހަނދާނުގައި ނެޝަނަލް އާޓް ގެލެރީގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ މެންދުރުފަހު ސޮއިކުރައްވައިފިއެވެ.
ތައުޒިޔާގެ ދަފުތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ އަލްމަރްހޫމް އުމަރު ޒާހިރަކީ 49 އަހަރަށްވުރެ ގިނަ ދުވަހު، ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި މަސައްކަތުގައި ވަރަށް އިހުލާސްތެރި އަދި ދައުލަތައް ވަރަށް ވަފާތެރި ހިދުމަތްތެރިއެއްގެ ގޮތުގައި ބަޔާންކުރައްވާފައެވެ.
އަދި އެމަނިކުފާނު އަވަހާރަވުމާއެކު ދިވެހިންނަށް ގެއްލިގެން އެދިޔައީ މިއަދުގެ ޖީލަށް ވަރަށް ފުރިހަމަ ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެއްކަމަށާއި މުވައްޒަފުންނާމެދު އޯގާތެރިކަމާއި ލޯތްބާއި އެކު މުއާމަލާތްކުރެއްވި ގާތް އެކުވެރިއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން ވެސް އެމަނިކުފާނު ލިޔުއްވާފައިވާގޮތުގައި އަލް މަރްހޫމް އުމަރު ޒާހިރު ވަނީ މާ ގިނަ ވަސީލަތްތަކާއި ލުއި ފަސޭހަތައް ނެތް ދުވަސްވަރެއްގައި ސަރުކާރުން ހިންގި ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާއެކީ ފުރިހަމަ ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ އުމްރާނީ ތަރައްގީގައި އަލް މަރްހޫމް އުމަރު ޒާހިރުގެ ހިއްސާ ބޮޑުކަމުގައި ހާމަކުރައްވާފައިވެއެވެ.
ރައީސްގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމް އުމަރު ޒާހިރަށް ސުވަރުގޭގެ ތަނަވަސް ރަހްމަތާއި ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ހަސްރަތުގައި ދުއާ ދަންނަވައި، އެބޭފުޅާގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.
އުމަރު ޒާހިރު އަވަހާރަވީ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮވިޑްގެ އާލާސްކަންފުޅަށް ފަރުވާހޯއްދަވަމުން ދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ