އަދާލަތު ހިމެނޭގޮތަށް ހަތަރު ޕާޓީއަކަށް ފައިސާ ދޭން ނިންމައިފި

އަދާލަތު ޕާޓީ ހިމެނޭގޮތަށް 10،000 މީހުން ރަޖިސްޓްރީގައި ހިމެނޭ ހަތަރު ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. ގާނޫނުގައި ބުނާގޮތުން ދައުލަތުގެ މުޅި ބަޖެޓުގެ އެއް ޕަސެންޓް ފައިސާ، 10،000 މީހުން ހަމަވާ ސިޔާސީ ޕާޓީތަކަށް ބަހަން ޖެހެއެވެ. އެ ފައިސާ ބަހާނީ މެމްބަރުންގެ އަދަދުގެ ނިސްބަތުންނެވެ. ސަރުކާރުން މި އަހަރަށް ލަފާކޮށް ހުށަޅާފައިވަނީ، 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ފާސްކުރުމާ ހަމައަށް 10،000 މެމްބަރުން ހަމަވެފައިވަނީ އެންމެ މީހުން ގިނަ އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގައެވެ. މިއީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަނި ފައިސާ ދޫކުރަން ފެށިފަހުން އަދާލަތަށް ފައިސާ ލިބޭ ފުރަތަމަ ފަހަރެވެ. ގާނޫނު ބުނާގޮތުން ފައިސާ ދޫކުރަން ޖެހެނީ ޑިސެމްބަރު 31 ގެ ނިޔަލަށް މެމްބަރުން ތިބި އަދަދަށް ބަލައި މެމްބަރުންގެ ނިސްބަތުންނެވެ. އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ "ސަން" އަށް ވިދާޅުވީ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ޑިސެމްބަރު މަހުގެ ނިޔަލަށް ޕާޓީތަކަށް ވަނުމަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުން ކަމަށެވެ. ވަކިވަކި ޕާޓީތަކަށް ލިބޭނެ އަދަދު އެނގޭނީ އެ ފޯމްތައް ޕްރޮސެސްކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަންވުމާއެކު ފައިސާ ދޫކުރަން ފަށާނެ ކަމަށް ހަސަން ވިދާޅުވިއެވެ. "ގާނޫނު މިބުނަނީ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ދޫކުރަން ޖެހޭނެ ކަމަށް. އެ މުއްދަތުގެ ތެރޭގައި އެކަން ކޮށް ނިމޭނެ،" ހަސަން ވިދާޅުވިއެވެ. މިފަހުން އުފެއްދި އެމްއެންޕީއިން ވެސް ވަނީ 10،000 މީހުން ހަމަ ވެއްޖެ ކަމަށް އިއުލާން ކޮށްފައެވެ. ނަމަވެސް އީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ޕާޓީއަށް އަދި އެ ވަރަށް މެމްބަރުން ހަމައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ