މި މަހުގެ ކަރަންޓު ބިލް ތައްޔާރު ކުރާނީ ހެޔޮ ކުރި ރޭޓް ތަކަށް: ތޯރިގް

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަރަންޓުގެ އަގަށް ބަދަލުގެނެސްފައި ވަނިކޮށް އަނެއްކާވެސް ކަރަންޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން މި މަހުގެ ބިލް ތައްޔާރު ކުރާނީ ހެޔޮ ކުރި ރޭޓްތަކަށް ކަމަަށް އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ. މިރޭ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކަރަންޓުގެ އަގަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. ސަރުކާރުން ދެމުން އަންނަ ކަރަންޓުގެ ހިދުމަތުން ސަބްސިޑީ ކަނޑާލައި ހުރިހާ ރަށެއްގައި ވެސް ކަރަންޓުގެ އަގަށް ބަދަލު ގެނައުމަށް ނިންމާފައި ވަނިކޮށް، އަނެއްކާވެސް ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ރާއްޖޭގައިވެސް ތެލުގެ އަގު ހެޔޮވުމުންނެވެ. އެނާޖީ މިނިސްޓްރީ އާއި ސްޓެލްކޯ އަދި ފެނަކަ ގުޅިގެން އަލަށް އެކުލަވައިލި އޮނިގަނޑުގައިވާ ގޮތުން މާލޭގައި ކަރަންޓަށް އަގު ނަގާނީ ވަކި ރޭޓަކުންނެވެ. އަދި ސްޓެލްކޯ އިން ރަށްރަށުގައި ކަރަންޓަށް އަގު ނަގާނީ ވަކި ރޭޓަކުންނެވެ. އަދި ކަރަންޓު ޔުނިޓަކަށް ދައްކަން ޖެހޭ އަގަށް ބަލާއިރު ދޭދޭ ރަށްތަކުގެ މެދުގައި ތަފާތެއް ނެތެވެ. މާޗް މަހުގެ ކަރަންޓް ބިލް ހިސާބުކުރާނީ އަގަށް ގެނައި އާ ބަދަލުން ކަމަށް ކުރިން ވަނީ އަންގާފަ އެވެ. އަގުތަކަށް އައި ބަދަލު، މާލެ ސަރަހައްދު: 301-400 ޔުނިޓް: ކުރިން ނެގީ 2.95 . މިހާރު ނަގަނީ 2.70 . ބަދަލު: -0.25 ރުފިޔާ 201-300 ޔުނިޓް: ކުރިން ނެގީ 2.50 . މިހާރު ނަގަނީ 2.35 . ބަދަލު: -0.15 ރުފިޔާ 101-200 ޔުނިޓް: ކުރިން ނެގީ 2.50 . މިހާރު ނަގަނީ 2.20 . ބަދަލު: -0.30 ރުފިޔާ 0-100 ޔުނިޓް: ކުރިން ނެގީ 2.25 . މިހާރު ނަގަނީ 2.10 . ބަދަލު: -0.15 ރުފިޔާ އަގުތަކަށް އައި ބަދަލު، އަތޮޅުތައް: 301-400 ޔުނިޓް: ކުރިން ނެގީ 5.00 . މިހާރު ނަގަނީ 3.50 . ބަދަލު: -1.50 ރުފިޔާ 201-300 ޔުނިޓް: ކުރިން ނެގީ 4.50 . މިހާރު ނަގަނީ 3.40 . ބަދަލު: -1.10 ރުފިޔާ 101-200 ޔުނިޓް: ކުރިން ނެގީ 4.25 . މިހާރު ނަގަނީ 3.30 . ބަދަލު: -0.95 ރުފިޔާ 0-100 ޔުނިޓް: ކުރިން ނެގީ 3.75 . މިހާރު ނަގަނީ 3.00 . ބަދަލު: -0.75 ރުފިޔާ އަލަށް ގެނައި ބަދަލާ އެކު ސަބްސިޑީ ކަނޑާލާފައިވާ އިރު، ކޮންމެ މަހެއްގެ ބިލަށް 80 ރުފިޔާ އާއި 135 ރުފިޔާ އާ ދެމެދުގެ އަދަދެއް އިތުރުވާނެ އެވެ. އެ ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލުޔެއް ލިބޭނެކަމަށް ސަރުކާރުން ބުނެ އެވެ. މި ރޭޓުތައް ހެޔޮކުރަން ނިންމާފައި ވާއިރު، އެ ގެނައި ބަދަލުތައް ހަފުތާއެއްގެ ތެރޭގައި ހާމަކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ތެލަށް އަންނަ ބަދަލާ ގުޅިގެން ކަރަންޓުގެ އަގަށް ކުރިއަށް އޮތް ތަނުގައި އިތުރު ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މި ރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމް ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ސަބްސިޑީ ކަނޑާލާފައި ވީނަމަވެސް، ކަރަންޓުގެ އަގު ބޮޑު ނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ