އޭއޭއޭ އަތުން ބަދަލުގެ ގޮތުގައި 1.8 މިލިއަން ޑޮލަރު ނަގަން 48 ދަރިވަރަކު ކޯޓަށް

ހައްގުނޫން ފައިސާތަކެއް ނަގާފައިވާތީ އެ ފައިސާ އަނބުރާ ހޯދުމަށްޓަކައި އައްޑޫގައި ހިންގަމުންދާ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ)އާ ދެކޮޅަށް އެ ސްކޫލުގައި ކިޔަވަމުންދާ 48 ދަރިވަރެއް 1.8 މިލިއަން ޑޮލަރުގެ ބަދަލެއް ނަގައިދިނުމަށް އެދި ސިވިލްކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި މައްސަލަ މިހާރު ކޯޓުގައި ރެޖިސްޓާކުރެވިފައިވާކަން "ސަން"އަށް ވަނީ އެނގިފައެވެ. ދައުވާ ކުރާ 48 ދަރިވަރުން ވަނީ އޭއޭއޭއިން ތަމްރީނުދިނުމަށް އެއްބަސްވެ، އެ އެއްބަސްވުމާ ހިލާފުވެފައިވާކަމަށް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދިފައެވެ. އަދި ދަރިވަރުންގެ އަތުން ހައްގު ނޫން ފައިސާތަކެއް ނަގާފައިވާތީވެ އެ ފައިސާ އަނބުރާ ހޯދައިދިނުމަށްވެސް ކޯޓުގައި ވަނީ އެދިފައެވެ. އެގޮތުން ދަރިވަރުން ތަމްރީނަށް ބޭނުންކުރާ އެއާކްރާފްޓް ނުތުމުގެ ސަބަބުން އެހެން އެއާކްރާފްޓްތައް ބޭނުންކުރަން މަޖުބޫރުވަކަމަށް މައްސައިގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެހެން އެއާކްރާފްޓް ބޭނުންކުރަން ޖެހުމުގެ ސަބަބުން ދަރިވަރުންގެ އަތުން އެ އެއާކްރާފްޓްތަކަށް އިތުރަށް ފައިސާ ނަގާފައިވާކަމަށްވެސް ވަނީ ބުނެފައެވެ. އަދި ނަގާފައިވާ ފައިސާއަކީ އަނބުރާ ދަރިވަރުންނަށް ލިބެންޖެހޭ ފައިސާއެއްކަމަށް ވަނީ އެ މައްސަލައިގައި ވަނީ ބުނެފައެވެ. ދަރިވަރުން ހުށަހެޅި މައްސަލައިގައި އެއްބަސްވުމާ ހިލާފްވުމުގެ ސަބަބުން ލިބުނު ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭއޭއޭ އަތުން ޖުމްލަ 1،835،090.12 ޑޮލަރު ނަގައިދިނުމަށް ވަނީ އެދިފައެވެ. އަދި އެ ފައިސާ ހަތް ދުވަސް ތެރޭ ދަރިވަރުންނަށް އެކީއެއްފަހަރާ ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފައެވެ. https://sun.mv/146698 ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އޭއޭއޭ އިން ހިންގި އިހުމާލުގެ އަމަލުތަކަށް ބަދަލުދިނުމެއް ނެތި ރާއްޖެ ދޫކޮށް ދިޔުމުގެ ފުރުސަތު އެބަ އޮތްކަމަށްވެސް ބުނެފައެވެ. އަދި އެހެންވެއްޖެ އެތަނުގައި ކިޔަވަމުން އައި ދަރިވަރުންނަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކަކާއި ކުރިމަތިވެދާނެތީވެ އޭއޭއޭ އަތުން ބަދަލު ނުލިބެނީސް އޭއޭއޭއިން ހިންގާ ވިޔަފާރި ވިއްކައި، ވިޔަފާރީގެ ހައްގުތައް އެހެން ފަރާތަކަށް ބަދަލުނުކުރެވޭނެކަމަށް ކޯޓުން ކަނޑައަޅައިދިނުމަށްވެސް ދަރިވަރުން ވަނީ އެދިފައެވެ. އަދި މީގެ އިތުރުންވެސް މައްސަލައިގައި ނަގަން ހުށަހަޅާފައިވާ ބަދަލުގެ އިތުރުން ދަރިވަރުންނަށް ލިބިފައިވާ ސީދާ އަދި ނުސީދާ އެހެން ބަދަލުތަކަށްވެސް ކޮންމެ ދަރިވަރަކަށް ވަކި ވަކިން އެދުމުގެ ހައްގު އޮތް ކަމަށް ސިވިލްކޯޓުން ކަޑައަޅައިދިނުމަށްވެސް ވަނީ އެދިފައެވެ. މި މައްސަލައިގައި ކޯޓުގައި ދަރިވަރުން ތަމްސީލުކުރަނީ ޕްރޮބޯނޯ އުސޫލުން ޕްރެމިއާ ޗެމްބާޒް އިންނެވެ. އައްޑޫގައި ފްލައިންގް ސްކޫލު ހިންގާ އޭއޭއޭގެ އެތައް މައްސަލަތަކަކާއި ގުޅޭ އެތައް ޝަކުވާތަކެއް ފެންމަތިވަމުންދާތާ މިވަނީ އަހަރުތަކެއްވެފައެވެ. އެގޮތުން ކުދިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމާއި، ދަރިވަރުންގެ ކޯސްތައް އެތައް އަހަރަަކަށް ދިގުދެމިގެންދިޔުމާއި ދަރިވަރުންގެ އަތުން ބޮޑެތި އަދަދުން ފައިސާ އެ ސްކޫލުން ނަގަމުންދާކަމުގެ ޝަކުވާތައް ވަނީ އިވިފައެވެ. މިފަދަ މައްސަލަތަކާ ހެދި ސަރުކާރުން ވަނީ އެ ސްކޫލުގެ އިސްވެރިންނާ ދެކޮޅަށް ފިޔަވަޅުވެސް އަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ