ނައިބު ރައީސަކަށް އަދީބު ނުގެންނަން މައުމޫން ރައީސް ޔާމީންގެ އަރިހުން އެދިވަޑައިގެންފި

މިހާރުގެ ނައިބު ރައީސް ވަކިކުރުމަށް ފަހު އެ މަގާމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ހަމަޖެއްސެވުމަށް ފެނިވަޑައި ނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ވެރިކަންކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސް އަބްދުﷲ ޔާމީނަށް އިއްޔެ ދަންނަވައިފި ކަމަށް "ހަވީރަ"ށް އެނގިއްޖެ އެވެ. ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދަށް އިތުބާރު ނެތް ކަމަށް ބުނެ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން އިސް ނަގައިގެން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ ތާއީދާ އެކު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. އެ މައްސަލަ އެޖެންޑާ ކުރުމުގެ މަރުހަލާގައި އޮތްއިރު، ޕީޕީއެމްގެ އިތުރުން މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ގެންދަވަނީ ނައިބު ރައީސްގެ މަގާމަށް އަދީބު ގެންނަވަން ބޭނުންވާ ކަމަށް ފާޅުގައި ވިދާޅުވަމުންނެވެ. ނައިބު ރައީސް މަގާމުން ދުރުކުރުން ކުރިއަށް ދާނެ ގޮތް: އެ މައްސަލައިގެ ބަހުސް ފެށުމުގެ ކުރިން 14 ދުވަހުގެ ނޯޓިސް ނައިބު ރައީސަށް ދޭންޖެހޭ.ނޯޓިސް މިހާރު ވަނީ ފޮނުވާފައި. މިއަދު މުއްދަތު ހަމަވާނެ.އަނގަބަހުންނާއި ލިޔުމުން ދިފާއުވެވަޑައިގަތުމުގެ ހައްގު ލިބިވަޑައިގަންނަވާ. ގާނޫނީ ވަކީލުން ބޭނުން ކުރެއްވުމުގެ އިހުތިޔާރު ވެސް އޮވޭ.ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން. އެއީ މިހާރު ތިއްބެވި 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ ވޯޓު.އެހެން ނަމަވެސް، އަދީބުގެ ނަން އެ މަގާމަށް ހުށަހެޅުއްވުމަށް އެ މަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށް މައުމޫން ވަނީ އިއްޔެ ރައީސް ޔާމީނަށް ދަންނަވާފަ އެވެ. އެކަން ޕީޕީއެމްގެ ޕާލިމެންޓްރީގެ ގްރޫޕުގެ އިސް މަގާމެއްގައި ހުންނެވި މެމްބަރަކު މިއަދު "ހަވީރަ"ށް ކަށަވަރު ކޮށްދެއްވި އެވެ. އޭނާ ވިދާޅުވީ މައުމޫން އެ ގޮތަށް އެދިވަޑައިގަތީ މައުމޫން ރައީސް ޔާމީނަަށް އިއްޔެ ފޮނުއްވި އެސްއެމްއެސްއެއްގައި ކަމަށެވެ. އެ މެސެޖުގައި މައުމޫން ވިދާޅުވެފައިވަނީ، އެ މެމްބަރު ވިދާޅުވި ގޮތުގައި، އެފަދަ މުހިއްމު މަގާމަކަށް އަދީބު ހަަމަޖެއްސުވުމުން ޕީޕީއެމްއާ މެދު އާއްމުން ދެކޭ ގޮތް ރަނގަޅު ނުވާނެ ކަމަށެވެ. އެކަމުގެ "މާ ބޮޑު ސަބަބެއް އެ މެސެޖުގައި ރައީސް މައުމޫން ދައްކަވާފައި ނެތް" ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ. ރޯދައިގެ ކުރިން މައުމޫން ދެއްވި މާހެފުމުގައި މައުމޫނާއި ނައިބު ރައީސް ޖަމީލް ބައިވެރިވެވަޑައިގަންނަވަނީ: ރައީސާއި ނައިބު ރައީސްގެ އުމުރު ބަދަލުކުރުމާ ވެސް މައުމޫން ދެކޮޅު ހެއްދެވި.-- ހަވީރު ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން މިކަމާ ގުޅޭ ގޮތުން ޕީޕީއެެމްގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ. ނައިބު ރައީސަކަށް އަދީބު ގެންނަން މަޖިލީހުގެ އިތުރުން ސަރުކާރުގެ ގިނަ ބޭފުޅުންތަކެއް ވެސް ވަރަށް ފާޅުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް އެކަމާ މައުމޫން ދެކޮޅު ހެއްދެވިއިރު، މީގެ ކުރިން ވެސް މައުމޫން ވަނީ މިފަދަ ބައެއް މައްސަލަތަކުގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ވިސްނުމާ ދެކޮޅު ހައްދަވާފަ އެވެ. އޭގެ ތެރޭގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ މަގާމުގެ އިތުރަށް ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެއްވޭ އުމުރު ބަދަލުކުރުމުގެ އިސްލާހުގެ މައްސަލަ ފާހަގަކޮށްލެވެ އެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު ވެސް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ވަރަށް ބޮޑު އަޣުލަބިއްޔަތެއް ވަނީ މައުމޫންގެ ވިސްނުންފުޅާ ދެކޮޅު ހައްދަވާފަ އެވެ. އެ ކަންކަމާ ގުޅިގެން، މައުމޫނާއި އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންގެ ބާރު ޕާޓީން ކަނޑުވާލުމަށް ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ. އަދި ޕާޓީގެ އެންމެ އިސް ވެރިޔަކަށް ވެސް ހުންނަވަން ޖެހޭނީ ރާއްޖޭގެ ވެރިކަމުގައި ހުންނަވާ ޕާޓީގެ ބޭފުޅާ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ އަދީބު ކުރައްވާފައިވާ މެސެޖުތަކެއް ވެސް މި ފަހުން އާއްމުވެފައިވެ އެވެ. މައުމޫނާއި އަދީބު ޕީޕީއެމްގެ ނިއުސް ކޮންފަރެންސެއްގައި: ނައިބު ރައީސަކަށް އަދީބު ގެންނަން މައުމޫން ދެކޮޅު.-- ހަވީރު ފައިލް ފޮޓޯ ނައިބު ރައީސްގެ މައްސަލައިގައި ރައީސް މިހާތަނަށް ވިދާޅުވެފައިވަނީ މިހާރުގެ ނައިބު ރައީސް ޖަމީލަށް އިތުބާރު ނުކުރައްވާ ކަމަށް އެކަންޏެވެ. އެ މަނިކުފާނުގެ ނައިބަކަށް ދެން ގެންނަވާނެ ބޭފުޅަކާ މެދު ރައީސް ޔާމީން އަދީބާއި އެހެން އެއްވެސް ބޭފުޅަކާ ވެސް އަދި އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށް ވެސްވެ އެވެ. އަދި މައުމޫންގެ މެސެޖަށް ވެސް ރައީސް ޔާމީން އަދި ޖަވާބެއް ނުދެއްވާކަން އެނގިފައިވެ އެވެ. އެހެން ނަމަވެސް، މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވިދާޅުވަމުން ގެންދަވަނީ ނައިބު ރައީސަކަށް އެންމެ އެކަށީގެންވަނީ އަދީބު ކަމަށެވެ. އެ ގޮތުން އެ ބޭފުޅުން ދައްކަވާ ސަބަބުތަކުގެ ތެރޭގައި ރައީސް ޔާމީނާ އެކު އޮންނަ ގާތް ގުޅުމާއި އިތުބާރާއި ސަރުކާރުގެ މުހިއްމު ހުރިހާ ކަމެއްގައިހެން އަދީބުގެ ހިއްސާ ބޮޑުވުމުގެ އިތުރަށް ޕާޓީ އަށް އަދީބު ގިނަ ހިދުމަތްތަކެއް ކޮށްދެއްވުން ހިމެނެ އެވެ. އަދީބު، ޕީޕީއެމް/އެމްޑީއޭގެ މަޖިލިސް މެމްބަރުންނާ އެކު: މަޖިލީހުގެ ގިނަ މެމްބަރުން ވިދާޅުވަނީ ނައިބު ރައީސަކަށް އެންމެ އެކަށީގެންވަނީ އަދީބު ކަމަށް.-- ހަވީރު ފައިލް ފޮޓޯ އެއާ އެކު، ނައިބު ރައީސަކަށް ވަޑައިގަތުމުގެ ކެމްޕޭނެއް ވެސް އަދީބުގެ ގާތް އެކުވެރިން ވަނީ ފަށާފަ އެވެ. "ނައިބު ރައީސަކަށް އަދީބު" މި ޝިއާރުގެ ދަށުން، "އައިސަޕޯޓްއަދީބުފޯވީޕީ" ވަދަ ހޭޝްޓެގުތަކާ އެކު ސޯޝަލް މީޑިއާގައި މިހާރު ކުރިއަށް ގެންދާ ކެމްޕޭންގައި އެތައް ބަޔަކު ބައިވެރިވެ އެވެ. ނައިބު ރައީސްކަމަށް އަދީބު ގެންނަން ތާއީދުކޮށް ޒުވާނުންތަކެއް ފޮޓޯ ނަގާފައި. މި ކެމްޕޭން ސޯޝަލް މީޑިއާގައި ވަނީ ވަރަށް ވަރުގަދަވެފައި. ފޮޓޯ: އަދީބްފޯވީޕީޑޮޓްކޮމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ