16 އަހަރަށް ފަހު އަލީ އުމަރު ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު އެއް ފޯވާޑް އަލީ އުމަރު 16 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ. މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއް ނިއު ރޭޑިއަންޓަށް ކާމިޔާބުކޮށްދީ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ކުޅުން ހުއްޓާލިކަން އިއުލާންކުރީ މިރޭ އެ ކްލަބުން ބޭއްވި 'ނިއު ރޭޑިއަންޓް ނައިޓް' ގަ އެވެ. މިރޭގެ ހަފުލާގައި އަލީ އުމަރުގެ ޖާޒީ ވަނީ ކްލަބުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) އާ ހަވާލުކޮށްފަ އެވެ. އަލީ އުމަރު 2012 ވަނަ އަހަރު އަލުން ނިއު އަށް ބަދަލުވީ ވެސް "ސަޕޯޓްކުރާ ޓީމުގައި ހުރެގެން ކުޅުން ހުއްޓާލަން ބޭނުންވާތީ" ކަމަށް ބުނެ އެވެ. ޔޫތު ސްޕޯޓްސް ކްލަބުން 1997 ވަނަ އަހަރު ކެރިއަރު ފަށައި އައްޔަ ވަނީ 1998 އިން 2003 އަށް ވެލެންސިއާ އަށް ކުޅެފަ އެވެ. އޭނާ އެންމެ ބޮޑަށް ވިދާލީ ވެލެންސިއާގެ ރީނދޫ ޖާޒީގައި ކުޅުނު ދުވަސްވަރެވެ. ހަވީރު ރަންބޫޓު 2000 ވަނަ އަހަރު ހޯދި އައްޔަ ވަނީ ވެލެންސިއާ ދޫކޮށް އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އަށް 2004 ވަނަ އަހަރު ކުޅެފަ އެވެ. އެކަމަކު ހަމަ އެ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތަށް އައިއެފްސީ ކޮލިފައިނުވުމުން އައްޔަ ވަނީ އެނބުރި ވެލެންސިއާ އަށް ބަދަލުވެ އެ މުބާރާތުގައި ކުޅެފަ އެވެ. އަދި 2005 ވަނަ އަހަރު ވެސް އައްޔަ ކުޅުނީ ވެލެންސިއާ އަށެވެ. އައްޔަ އެންމެ ކުޅޭ ކްލަބު ކަމަށްވާ ނިއު އަށް އޭނާ ބަދަލުވީ 2006 ވަނަ އަހަރު އެވެ. އަދި އޭނާގެ ކެރިއަރުގައި އެންމެ ކާމިޔާބު އެއް އަހަރަށްވީ އައްޔަ ނިއު އަށް ކުޅުނު އަހަރެވެ. އައްޔަގެ ކެޕްޓަންކަމުގެ ދަށުން ނިއު އިން ދިވެހި ލީގުގެ އައްޑަނަ ފުރަތަމަ ފަހަރަށް އުފުލާލިއިރު، ހަވީރުން ހޮވި އަހަރު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ވެސް އެ އަހަރު އައްޔަ ވަނީ ހޯދައިފަ އެވެ. ނިއު އަށް އެއް އަހަރު ކުޅުމަށް ފަހު 2007 ވަނަ އަހަރު ބަދަލުވީ އޭނާގެ ގާތް އެކުވެރިންތަކެއް އިސްވެތިބެ އުފެއްދި ވީބީ ސްޕޯޓްސް އަށެވެ. އެ ކްލަބަށް ފަސް އަހަރު ކުޅުމަށް ފަހު 2012 ވަނަ އަހަރު އަލުން ނިއު އަށް ބަދަލުވި އިރު އައްޔަގެ ތަރި ވަނީ އޮއްސިފަ އެވެ. އެކަމަކު ނިއުގައި އަލުން ކުރީގެ ކުޅުން ދައްކައި މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް ވެސް ކުޅުނެވެ. ގައުމީ ޓީމުގައި 1998 ވަނަ އަހަރުން ފެށިގެން ހިމެނެމުން އައި އައްޔަ ވަނީ ގައުމީ ޓީމަށް ސާޅީހަކަށް މެޗު ކުޅެދީ 12 ގޯލް ޖަހައިދީފަ އެވެ. ގައުމީ ޖާޒީގައި ސާފް ޗެމްޕިއަންޝިޕުގެ ހަ މުބާރާތެއްގައި ކުޅުނުއިރު އޭނާ އަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. މީގެ އިތުރުން ވޯލްޑް ކަޕް ކޮލިފައިންގައި 2004 ވަނަ އަހަރު ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖެ އެއްވަރުކުރި އިރު ވެސް އޭނާ ޓީމުގައި ހިމެނުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ