ވަކި ބޭފުޅަކަށް އިނގިލި ދިއްނުކުރައްވާ ކަމަށް ރައީސް ވިދާޅުވި: ގާސިމް

ރައީސް އަބްދުﷲ ޔާމީންގެ ލޯންޗްކޮޅުގައި މިދިޔަ މަހުގެ 28 ގައި އެއްޗެއް ގޮއްވާލައި އެމަނިކުފާނަށް އަމާޒުކުރި ހަމަލާގައި ވަކި ބޭފުޅަކަށް އިނގިލިދިއްނުކުރައްވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީން މިއަދު ވަނީ މަޖިލީހުގެ ޕީޕީއެމް މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އިތުރުން އެމްޑީއޭގެ މެމްބަރުންނާ އެކު މުލިއާގޭގައި ދެ ގަޑިއިރުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކާ ގުޅިގެން ގާސިމް ވިދާޅުވީ މެމްބަރުންނާ އެކު ރައީސް ބައްދަލުކުރައްވައި ހިއްސާކުރެއްވީ އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ހާދިސާގެ މައުލޫމާތު ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ތުހުމަތުގެ އިނގިލި ދިއްނުކުރައްވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ގާސިމް ވިދާޅުވި އެވެ. މާލެ، އޮކްޓޫބަރު 12، 2015- ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި ލޯންޗްކޮޅުގައި އެއްޗެއް ގޮއްވި ހާދިސާގެ މައުލޫމާތު ޕީޕީއެމާއި އެމްޑީއޭ އަދި ޖޭޕީގެ މަޖިލިސް މެމްބަރުންނަށް ދެއްވުމަށް، ރައީސް ޔާމީން މުލީއާގޭގައި ބޭއްވި ބައްދަލުވުމަށް މެމްބަރުން ވަޑައިގަންނަވަނީ.---ހަވީރު ފޮޓޯ: ނިޝާން އަލީ "ދެން މެމްބަރުން ވެސް ދެންނެވި، މަނިކުފާނު، ރައީސުލް ޖުމްހޫރިއްޔާ އެކަން ގެންދަވަނީ ރަނގަޅަށް ކަމަށާއި އެކަން ކުރިއަށް ގެންދިއުމުގައި އެހާ ސާބިތުކަމާއެކު އެކަން ގެންގޮސް ނިންމެވުމަށް. ފައިންޑިން ހޯއްދެވުމަށް، އެންމެ ފަހު ގާކޮޅު ފުރޮޅާލައިގެން ވެސް ހޯއްދަވަން ޖެހޭ އެއްޗެހި ހޯއްދަވަން ޖެހޭނެ ކަމަށް މެމްބަރުން ވިދާޅުވި،" މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ރައީސަށް އަމާޒުކުރި ހަމަލާގެ ފަހަތުގައިވާ ކަންކަން ހޯދުމަކީ ގައުމާއި ރައްޔިތުންގެ ސަލާމަތާއި އަމާންކަމަށް ކޮންމެހެން ވެސް މުހިއްމު ކަމެއް ކަން ބައްދަލުވުމުގައި މެމްބަރުން ފާހަގަކުރައްވާފައިވާ ކަމަށެވެ. ހަމަލާއާ ނައިބު ރައީސް އަދީބާ ގުޅުވައިގެން ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ސުވާލުކުރުމުން ގާސިމް ވިދާޅުވީ "ތަހުގީގު މަރުހަލާ ކުރިއަށްދާތީ މިހާރު ދެން އިތުރަކަށް އެ [ހަމަލާގެ] ވާހަކަ އަޅުގަނޑުމެން ދައްކާކަށެއް ނެތީމު" ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި އެ ބައްދަލުވުމަށް އޭނާ އާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ވަޑައިގެންނެވީ ރައީސް ދައުވަތު ދެއްވުމުންނެވެ. ޖޭޕީ އޮތީ ސަރުކާރާ ވެސް އަދި ރައްޔިތުންނާ ވެސް އެކުގައި ކަމަށް ގާސިމް ވިދާޅުވި އެވެ. "ގާނޫނީ ހުދުދޫގެ ތެރެއިން ކުރެވޭ ހުރިހާ ކަމަކާ ވެސް އެކީގައި އަޅުގަނޑުމެން މިތިބީ،" ގާސިމް ވިދާޅުވި އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތު ނުކުރަން ވެސް ރައީސް އެދިވަޑައިގެންނެވި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ ހަމަލާއާ ގުޅިގެން ކުރާ ޝައްކުތަކާއި ތުހުމަތުތަކުގައި އެއް ބަަޔަކު އަނެއް ބަޔަކަށް ޖެހިވަޑައިނުގެން މެމްބަރުން މަޖިލީހުގެ މަސައްކަތްތަކާ އެކު ކުރިއަށް ވަޑައިގަތުމަށް ރައީސް އެދިވަޑައިގަތް ކަމަށެވެ. މާލެ، އޮކްޓޫބަރު 12، 2015- ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި ލޯންޗްކޮޅުގައި އެއްޗެއް ގޮއްވި ހާދިސާގެ މައުލޫމާތު ޕީޕީއެމާއި އެމްޑީއޭ އަދި ޖޭޕީގެ މަޖިލިސް މެމްބަރުންނަށް ދެއްވުމަށް، ރައީސް ޔާމީން މުލީއާގޭގައި ބޭއްވި ބައްދަލުވުމަށް ފަހު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ހަވީރު ފޮޓޯ: ނިޝާން އަލީ "ރައީސް ގަބޫލުކުރައްވާ ބައެއް ހަމަތަކާއި، އެބަ އުޅޭއްނޫންތޯ ވަރަށް ބޮޑެތި ބްލޭމް ގޭމް. އެއް ބަޔަކު އަނެއް ބަޔަކަށް ޝައްކުކުރުމާއި އެކަހަލަ ކަންތައް. އެކަހަލަ ކަންތައްތަކުގައި ޖެހިވަޑައިނުގެން މެމްބަރުން މެމްބަރުންގެ މަސައްކަތްޕުޅާއެކު ކުރިއަށް ވަޑައިގަތުމަށް ރައީސް ދެންނެވި،" ބައްދަލުވުމުގައި މެމްބަރުންގެ ކިބައިން ރައީސް އެދިވަޑައިގަތީ ކޮންކަމަކުތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނިހާން ވިދާޅުވި އެވެ. ނިހާން ވެސް ވިދާޅުވީ ރައީސް ބައްދަލުކުރެއްވީ އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ހާދިސާގެ މައުލޫމާތު މެމްބަރުންނާ ހިއްސާކުރައްވަން ކަމަށެވެ. އަދި މެމްބަރުން މި ދަނޑިވަޅުގައި އަމަލުކުރަންވީ ގޮތާ ގުޅޭގޮތުން ރައީސަށް ފެނިވަޑައިގަންނަވާ ބައެއް މުހިއްމު ކަންކަން ހިއްސާކުރެއްވި ކަމަށް ނިހާން ވިދާޅުވި އެވެ. ތިން ޕާޓީގެ މެމްބަރުން ހިމެނުނު އެ ބައްދަލުވުމުގައި ޖުމްލަ 60 މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ނިހާން ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި ނައިބު ރައީސް އަހްމަދު އަދީބު ބައިވެރިވެވަޑައިނުގެންނެވީ ކީއްވެތޯ ނޫސްވެރިން ސުވާލުކުރުމުން އެ ސުވާލަށް ނިހާން ސީދާ ޖަވާބެއް ނުދެއްވި އެވެ. އެކަމަކު މީގެ ކުރިން ބޭއްވި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މުހިއްމު ބޮޑެތި ބައްދަލުވުންތަކުގައި ނައިބު ރައީސް އަދީބް ބައިވެރިވެ ވަޑައިގެންފަ އެވެ. އެ ބައްދަލުވުމުގައި އަދީބު ބައިވެރިވެވަޑައިނުގަތުމާއި ސަރުކާރާއެކު ހެދި ކޯލިޝަން ރޫޅާޅައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ގާސިމް ބައިވެރިވެވަޑައިގެންނެވުމުން ގިނަ ބައެއްގެ ހިތުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ. ނިހާން ވިދާޅުވީ އެ ބައްދަލުވުމަކީ މަޖިލީހުގެ މެމްބަރުންނަށް ރައީސް ޔާމީން ދެއްވަން ބޭނުންވާ މައުލޫމާތުތަކާ ގުޅޭ ބައްދަލުވުމެއް ކަމަށެވެ. އެފަދަ ބައްދަލުވުންތައް ކޮންމެ ދުވަހަކުހެން ވެސް ބާއްވާ ކަމަށާއި ފަހަކަށް އައިސް ބޭއްވި އެފަދަ ބައްދަލުވުންތަކުގައި ގާސިމް ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ނިހާން ވިދާޅުވި އެވެ. "...ގާސިމް އިބްރާހިމް ވެސް ހިމެނިވަޑައިގަންނަވާހެން ކޮންމެ ރެއަކު ވެސް އަޅުގަނޑުމެން ގަޑި، ދެ ގަޑިއިރު ރައީސް އަރިހުގައި އައިޖީއެމްއެޗުގައި އެބަތިބެމު އެކި ވާހަކަތަކުގައި،" ނިހާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ