ގޮނޑިއެއް ހުސްވިތޯ ކަށަވަރުކުރުމަކީ އިލެކްޝަންސްގެ ވެސް ޒިންމާއެއް: ސުޕްރީމް ކޯޓު

އިންތިހާބެއް ބޭއްވުމުގެ ކުރިން އެ ގޮނޑި ގާނޫނީ ގޮތުން ހުސްވެއްޖެކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަކީ ގާނޫނީ ގޮތުން އިލެކްޝަން ކޮމިޝަނުން ކުރަން ޖެހޭ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފި އެވެ. ސުޕްރީމް ކޯޓުގެ ހުކުމް މިގޮތަށް އައީ ބ. ތުޅާދޫ ކައުންސިލްގެ މެމްބަރު އުމެއިރާ އަބޫބަކުރު މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ނިންމައި އެރަށުގައި ބާއްވަން އުޅުނު ބައި އިލެކްޝަން ހައި ކޯޓުން ބާތިލްކުރުމުން އެ މައްސަލަ އިލެކްޝަންސުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. ސުޕްރީމް ކޯޓުން މިދިޔަ ހޯމަދުވަހު ކުރި ހުކުމުގައި ވަނީ އިންތިހާބީ ގޮނޑިއެއް ހުސްވިތޯ ކަށަވަރުކުރުމަކީ އިލެކްޝަންސްގެ މަސްއޫލިއްޔަތެއް ކަމަށާއި އަދި ގޮނޑިއެއް ހުސްވެއްޖެ ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކުގައި ވެސް ކަމާ ބެހޭ ލިޔުންތަކާއި އެކަން ހިނގާފައިވާ ގޮތަށް އިލެކްޝަންސުން ބަލަން ޖެހޭނެ ކަމަށެވެ. އަދި ޚާއްސަކޮށް ގޮނޑިއެއް ހުސްވެފައިވާ ކަމަށް ދެބަސްވުން އުފެދިފައިވާ ނަމަ އެކަން ބަލާ އެކަމުގައި ގާނޫނާ ހިލާފް ކަމެއް ހިމެނިފައިނުވާކަން ކަށަވަރުކުރުމަކީ ވެސް އިލެކްޝަންސުން ކުރަން ޖެހޭ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ. މެމްބަރުކަމުން އުމެއިރާ ވަކިކޮށްފައިވާ ކަމަށް ބުނެ ތުޅާދޫ ކައުންސިލުން ފާސްކުރި ގަރާރަށް އުމެއިރާ ދެކޮޅު ހަދާފައިވާ ކަމަށާއި އެކަން ބަލައިދޭން އޭނާގެ ފަރާތުން އިލެކްޝަންސަށް ހުށަހެޅި ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ތުޅާދޫ ބައި އިލެކްޝަން ބާއްވަން ދެވަނަ ފަހަރު އިއުލާންކުރީ އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކުރަން ޖެހޭ ކަންތައްތައް ކަށަވަރުކޮށްފައި ނޫނީ އިންތިޚާބު ނުބާއްވަން ހައި ކޯޓުން ހުކުމްކޮށްފައި ވަނިކޮށް ކަން ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ. ކައުންސިލް މެމްބަރުކަމުން އުމެއިރާ ވަކިވެފައިވާ ކަމަށް ކައުންސިލުން ނިންމި ނިންމުމަށް އޭނާ ދެކޮޅު ހަދާފައިވާއިރު އެކަން ރަނގަޅަށް ނުބަލައި އެއް ފަރާތެއްގެ ބަހަށް ބުރަވެ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމަށް ނުފެންނަ ކަމަށް ވެސް ހުކުމުގައިވެ އެވެ. ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އިންތިހާބެއްގެ ކުރިން އިލެކްޝަންސުން ކަށަވަރުކުރަން ޖެހޭ ކަންތައްތައް ކަމަށް ހައި ކޯޓުން ކުރި ހުކުމުގައި ބުނާ ކަންކަމަކީ އިލެކްޝަންގެ ޒިންމާއެއް ނޫން ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ. މަގުބޫލު އުޒުރެއް ނެތި ވިދިވިދިގެން ކައުންސިލްގެ ހަތް ޖަލްސާ އަށް އުމެއިރާ ހާޒިރުނުވާ ކަމަށް ބުނެ އުމެއިރާ ކައުންސިލް މެމްބަރުކަމުން ވަކިވީ ކަމަށް ބަލައި ބާއްވަން އުޅުނު ބައި އިލެކްޝަން ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި ކައުންސިލްގެ ނިންމުމެއްގެ މައްޗަށް ބިނާކޮށް ބައި އިލެކްޝަން ބޭއްވުމުގެ ކުރިން އެފަދަ ނިންމުމެއްގައި ހުރިހާ އިޖްރާތުތައް ފުރިހަމަކުރިތޯ އިލެކްޝަންސުން ބަލަން ޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ