ލަސްނުކޮށް ޕީޖީއަކު އައްޔަންކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
ޕްރޮސެކިއުޓާ ޖެނެރަލް )ޕީޖީ( ގެ މަގާމަށް ލަސްނުކޮށް މީހަކު އައްޔަން ކުރުމަށާއި ޕީޖީ އޮފީހުން ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ކުރިއެކޭ ވެސް އެގޮތަށް ބަލައިގަންނަމުން ދިއުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އެ ކޯޓުން އެގޮތަށް އަމުރު ނެރުނުއިރު ޕީޖީއަކު ނެތުމުން ކްރިމިނަލް ކޯޓަށް މައްސަލަތައް ބަލައިނުގަންނަތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. އެކަމާ ގުޅިގެން އެތައް މައްސަލައެއް ފުނިޖެހުމުންދާތީ ޕީޖީ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ސޮއިކުރައްވާ ނެރެފައިވާ އެ އަމުރުގައިވަނީ 30 ދުވަސް ތެރޭގައި ޕީޖީއަކު އައްޔަން ކުރަން ގާނޫނު ލާޒިމްކުރާތީ ލަސްނުކޮށް އެކަން ކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް އަންގާ ކަމަށެވެ. އަދި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށާއި އެހެން ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް އެއްވެސް ހުއްޓުމެއް ނެތި ބަލައިގަންނަމުން ދިއުމަށާއި ކޯޓުގައި ހުރި މައްސަލަތައް ކުރިއެކޭ އެގޮތަށް ކުރިއަށް ގެންދިއުމަށް އެ ކޯޓުތަކަށް ވެސް އެ އަމުރުގައިވަނީ އަންގައިފަ އެވެ. އެ އަމުރުގައިވާ ގޮތުން އެގޮތަށް އެންގީ ރާއްޖޭގައި ގާނޫނުގެ ހުކުމް ދެމެހެއްޓުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމަކީ ކޮންމެހެން ހިނގަންޖެހޭ ނިޒާމަކަށްވާތީ ހާލަތުއް ޟަރޫރަތު )ސްޓޭޓް އޮފް ނެސެސިޓީ( ގެ އުސޫލަށް ރިއާޔަތް ކޮށެވެ. އެ އަމުރުގައިވާ ގޮތުން ޕީޖީ އޮފީހުން ހުށަހަޅާ މައްސަލަތައް ކޯޓުތަކުން ބަލައިގަންނަ ޖެހޭ ނަމަވެސް ކުރިން ޕީޖީން ފޮނުވާފައި ހުރި މައްސަލަތައް އަނބުރާ ގެންދިއުމާއި އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ނުކުރުމަށް ނިންމުން ފަދަ ފިޔަވަޅެއް އެ އޮފީހުން ވެސް އަޅައިގެން ނުވާނެ އެވެ. ޕީޖީގެ މަގާމުގައި ހުންނެވި އަހުމަދު މުއިއްޒު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް އަލުން ބޭފުޅަކު އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ އެ މަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. ނަމަވެސް މަޖިލިސް ޗުއްޓީގައި އޮތުމާއި މިނިވަން މުއައްސަސާ ކޮމިޓީ ކުރިއަށް ނުދާތީ އޭނާގެ ނަން ފާސްކުރުމާ މެދު ގޮތެއް ނުނިމެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ