ވަން އެންޑް އޮންލީ އަށް މުވައްޒަފުން ހޯދާ ފެއާ ރާއްޖޭގެ ދެކޮޅުގައި
ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ބާއްވާ ފެއާއެއް ކުޅުދުއްފުއްޓާއި ފުވައްމުލަކުގައި ބާއްވަން ނިންމައިފި އެވެ. ވަން އެންޑް އޮންލީ ރިސޯޓުގެ ރެކްރޫޓްމަންޓް އެންޑް ރިޓެންޝަން މެނޭޖަރު މުހައްމަދު އާލިމް ވިދާޅުވީ އެ ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދަން ބާއްވާ މި ފެއާގައި 30- 40 އާ ދެމެދުގެ އަދަދަކަށް ކުދިން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. "މިއީ ސްކޫލް ނިންމާފައި ތިބޭ ކުދިންނަށް ލިބޭ ރަނުގެ ފުރުސަތެއް. މި ހަރަކާތުގެ ސަބަބުން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ،" އާލިމް ވިދާޅުވި އެވެ. ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކުރިއަށް ގެންދާ މި ހަރަކާތް އޮންނަނީ ހދ. ކުޅުދުއްފުއްޓާއި ޏ. ފުވައްމުލަކުގަ އެވެ. ކުޅުދުއްފުށީގައި މި ހަރަކާތް އޮންނާނީ އެ ރަށު ޖަލާލުއްދީން ސްކޫލުގައި މި މަހުގެ 14 އަދި 15 މި ދެ ދުވަހު އެވެ. އަދި ފުވައްމުލަކުގައި މި ހަރަކާތް އޮންނަނީ އެ ރަށު އަތޮޅު ތައުލީމީ މަރުކަޒުގައި މި މަހުގެ 19 އަދި 20 މި ދެ ދުވަހު އެވެ. އާލިމް ވިދާޅުވީ ވަން އެންޑް އޮންލީން ހުސްވެފައިވާ ވަޒީފާތަކަށް ކުދިން ނެގުމުގެ އިތުރުން އެ ރިސޯޓުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ބޭނުންވާ ކުދިންވެސް މި ހަރަކާތުގައި ނަގާނެ ކަމަށެވެ. "އަޅުގަނޑުމެންގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ސްކޫލް ނިންމާ ކުދިން ރިސޯޓް ވަޒީފާތަކަށް ލޯ ހުޅުވާލަން ލިބޭ ރަނުގެ ފުރުސަތެއް. މި ޕްރޮގްރާމަށް 20 ކުދިން ނަގަން. އަދި އެ ކުދިންގެ ތެރެއިން އެންމެ ރަނގަޅު ކުދިންނަށް ރިސޯޓުން ވަޒީފާ ވެސް ލިބޭނެ. އަދި މީގެ އިތުރުން އަޅުގަނޑުމެން ދޭ ސެޓްފިކެޓަކީ ހުރިހާ ރިސޯޓެއް ގަބޫލުކުރާނެ އެއްޗެއް. އެހެންވެ މި ސެޓްފިކެޓް ލިބުމުން އެ ކުއްޖަކަށް އެހެން ތަންތަނުން ވަޒީފާ ހޯދަން ވެސް ފަސޭހަވެގެންދާނެ،" އާލިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ