ދެހާސް ދިހަ ވަނަ އަހަރު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް މިރުފަތު ފާއިޒަށް ފުލުހުންގެ ވަޒީފާ އަލުން އަނބުރާ ދޭން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައި ވަޒީފާ އަނބުރާ ހޯދާ ދިނުން އެދި ކޮށްފައިވާ ދައުވާއައި ގުޅިގެންނެވެ.
ސިވިލް ކޯޓުން މިއަދު އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ތަހުގީގަށް ހޯދާ ހެއްކާއި މައުލޫމާތަކީ އެތަކެތި ހޯދި މައްސަލަ ނޫން އެހެން މައްސަލައަކަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫން ކަމަށް ފުލުހުންގެ ގާނޫނުގައި ބުނެފައިވާ ކަމަށާއި މިރުފަތު ވަޒީފާއިން ވަކިކޮށްފައިވަނީ އެހެން މައްސަލައަކާއި ގުޅިގެން އޭނާ ހުށަހަޅާފައިވާ ސިޓީއަކާއި ގުޅިގެން ކަމަށެވެ. އެހެން ކަމުން ފުލުހުންގެ ވަޒީފާއިން ވަކި ކުރުމަށް މިރުފަތާއި ދެކޮޅަށް ހޯދާފައިވާ ހެކިތަކަކީ ގާނޫނާއި ހިލާފު ހެކިތަކެއް ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
މިރުފަތު ފާއިޒު ފުލުހުންގެ ވަޒީފާއިންވަކިކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން އޭނާގެ ފިރިމީހާ ފުލުހުން ހައްޔަރުކޮށް އަމަލުކޮށްފައިވާ ގޮތާއި މެދު ހިތްހަމަނުޖެހިގެން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ފޮނުވި ސިޓީއަކާއި ގުޅިގެންނެވެ.
އެއްމަސްދުވަހުގެ ތެރޭގައި އޭނާގެ ވަޒީފާ އަނބުރާ ދިނުމުގެ އިތުރުން އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މިހާތަނަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް އެއްމަސްދުވަހުގެ ތެރޭގައި އޭނާއާއި ހަވާލު ކުރުމަށާއި މެދުކެނޑިފައިވާ މުއްދަތަކީ މެދު ކެނޑުނު މުއްދަތެއް ކަމަށް ނުބެލުމަށް ވެސް ހުކުމްކޮށްފައިވެއެވެ.
މިރުފަތަށް ފުލުހުންގެ ވަޒީފާ އަލުން އަނބުރާ ދޭން ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ