ޖޭޕީގެ ލީޑަރު ކަމަށް ގާސިމް، ޑެޕިއުޓީ ލީޑަރު ކަމަށް ނުވަ ބޭފުޅަކު ކުރިމަތިލައްވައިފި

ޖޭޕީގެ ލީޑަރު ކަމަށް މިހާރު ވެސް ލީޑަރު ކަމުގައި ހުންނެވި ގާސިމް އިބްރާހިމް އަދި ޑެޕިއުޓީ ލީޑަރު ކަމަށް ނުވަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ޖޭޕީގެ ދެވަނަ ކޮންގްރެސްގައި ލީޑަރުގެ މަގާމާއި ހަތަރު ޑެޕިއުޓީ ލީޑަރުން ހޮވަން އެ ދެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލުމުން މިރޭ ވަގުތު ހަމަވިއިރު ލީޑަރު ކަމަށް ކުރިމަތިލެއްވީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެކަންޏެވެ.
ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތިލެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފުއާދު ގާސިމާއި، ޕާޓީގެ މިހާރުގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި، ސ. ހުޅުދޫ ތަނޑި ރަތްމާގޭ އަބްދުﷲ އަމާން އާއި، ޖޭޕީގެ ސްޕޯކްސް ޕާސަން މޫސާ ރަމީޒާއި، ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ނައިބު ރައީސް އަމީން އިބްރާހީމާއި، ޖޭޕީގެ ކައުންސިލް މެންބަރު އަދި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ހަމީދާއި، ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖޭޕީގޭ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދާއި ޖޭޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރެވެ.
ލީޑަރުގެ މަގާމަށް އެންމެ ބޭފުޅަކު ކުރިމަތިލައްވާފައިވާތީ ކޮންގްރެސްގައި ވޯޓް ނެގުމުގެ ބަދަލުގައި އޮންނާނީ ފެންނަ ނުފެންނަ ވޯޓަކަށް އެހުމެވެ. އަދި މިހާރުގެ ޕާޓީގެ ރައީސާއި ނާއިބު ރައީސްގެ މަގާމާމެދު ކޮންގްރެސްގައި ގޮތެއް ނުނިންމައިފިނަމަ ކޮންގްރެސްއާއެކު އެ ދެ މަގާމު އުވިގެންދާނެ އެވެ.
ޖޭޕީން ބުނީ އެޕާޓީގެ ދެވަނަ ކޮންގްރެސްގައި ޕާޓީގެ އެހެން މަޤާމުތަކަށް ބޭފުޅުން އިންތިހާބުކުރަން ނުޖެހޭ ކަމަށާއި، އެބޭފުޅުންގެ މަޤާމުގެ މުއްދަތު އަދި ހަމަނުވާ ކަމަށެވެ.
މި ދެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުން އޮންނާނީ މި މަހުގެ 16 އިން 17 އަށް ބާއްވާ ޖޭޕީގެ ދެވަނަ ކޮންގްރެސްގަ އެވެ. ޖޭޕީގެ ކޮންގްރެސްގައި މި ދެ މަގާމަށް ބޭފުޅުން ހޮވުމުގެ އިތުރުން އަސާސީ ގަވައިދަށް އިސްލާހު ހުށަހަޅައި ގަވައިދު އިސްލާހު ކުރުން ވެސް އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ