އަމީނަށް ރުހުން ލިބުމަކީ ޖޭޕީއަށް ލިބުނު ކާމިޔާބެއް: ގާސިމް

މަޖިލީހުގެ ރުހުން ހޯދަން ހުށަހެޅި ތިން ވަޒީރުންގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބުރާހިމަށް މަޖިލީހުގެ ރުހުން ލިބުމަކީ ޖޭޕީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބުރާހިމް ވިދާޅުވެއްޖެ އެވެ.
އަމީނާއެކު އިތުރު ދެ ވަޒީރަކަށް މަޖިލީހުގެ ރުހުން ހޯދަން މިއަދު މަޖުލީހުގައި ނެގި ވޯޓުން އަމީނަށް މަޖުލީހުގެ ރުހުން ލިބިވަޑައިގެންފައިވާތީ ގާސިމް ވިދާޅުވީ އެކަމަކީ ޖޭޕީއަށް ލިބުނު ކުރިއެރުމެއް ކަމަށާއި ޖޭޕީން މިހާތަނަށް ކުރިމަތިލާފައިވާ ކޮންމެ ކަމެއް ކާމިޔާބު ކުރެވުމަކީ ޖޭޕީގެ ސިޔާސަތުތައް ރައްޔިތުންނާ ކަމުދާ ކަމުގެ ހެއްކެއް ކަމަށެވެ.
"އަމީނަށް މަޖުލީހުގެ ރުހުން ލިބުމަކީ ޖޭޕީއަށް ލިބުނު ބޮޑު ކާމިޔާބީއެއް. މިހާތަނަށް ޖޭޕީން ކުރިމަތިލާ ގިނަ ކަންކަން ކާމިޔާބު ކަމާއެކު ވަނީ ހާސިލްކުރެވިފަ، މިކަމުން ދޭހަ ވަނީ ޖޭޕީގެ ސިޔާސަތު ރައްޔިތުންނަށް ގަބޫލު ކުރާކަން،" ގާސިމް ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓަރު ކަމަށް ރުހުން ހޯދަން ފޮނުވި އާޒިމާ ޝަކޫރާއި، ބަންޑާރަ ނައިބު ކަމަށް އައިޝަތު ބިޝާމަށް ރުހުން ލިބިވަޑައި ނުގަތުމުން ހިތާމަ ކުރައްވާ ކަމަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް ސިޔާސީ ނުފޫޒުން އެއްކިބާވެ ގައުމީ ވާޖިބު އަދާ ކުރެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އާޒިމާ އާއި ބިޝާމަށް މަޖުލީހުގެ ރުހުން ނުލިބުމުން ހިތާމަ ކުރަން. އަޅުގަނޑު އެދެން ހުރިހާ މަޖިލީހުގެ މެންބަރުން ވެސް ސިޔާސީ ނުފޫޒު ނުބާއްވައި ފުރިހަމަ ޒިންމާ އަދާ ކޮށްދެއްވުމަށް،"
ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ރައްޔިތުން ތައްޔާރުވަމުން އަންނަކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އަމަން ބެލެހެއްޓުމުގެ ޒިންމާ އުފުލާ ވުޒާރާތަކުން އިންތިހާބުގެ ކަންކަން އަމާންކޮށް ގެންގޮސް ދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ތިން ވަޒީރަކަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގެ ނަތީޖާއިން ބަންޑާރަ ނައިބު އައިޝަތު ބިޝާމް އާއި، ޖެންޑާ މިނިސްޓަރު އާޒިމާ ޝަކޫރު ނާކާމިޔާބުވެފައިވާއިރު މަޖިލީހުގެ މި ވޯޓަށްފަހު ބަންޑާރަ ނައިބު ކަމުގެ މަގާމަށް އާޒިމާ ޝުކޫރު ވަނީ ރައީސުލް ޖުމްހޫރިއްޔާ އަލުން އައްޔަން ކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީން އަލީއަކީ އިންސާނިއްޔަތުކަމެއް ނެތް ބޭފުޅެއް ކަމަށް ބުނެ، ޕީޕީއެމްއިން ތަސްމީނަށާއި ރައީސް ވަހީދުގެ ކޯލިޝަނަށް ފާޑުކިޔައިފިއެވެ.
މިއަދު ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ އިންސާނިއްޔަތުކަމެއް ނެތް ބޭފުޅެއް ކަމަށް ތަސްމީން ވިދާޅުވި ނަމަވެސް، ހަގީގަތުގައި އިންސާނިއްޔަތުކަމެއް ނެތް ބޭފުޅަކީ ތަސްމީން ކަމަށެވެ.
އޭނާ ވިދާޅުވީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ޑީއާރްޕީ ފެއިލްވުމުން ރައީސް މައުމޫން ތަސްމީނާއި ހަވާލުކުރެއްވީ 38000 މެންބަރުން ތިބި ޕާޓީއެއް ކަމަށާއި އެއާއިއެކު މަޖިލީހުގެ 35 މެންބަރުންނާއި ޕްރައިމަރީއަކާއި ނުލައި ޑިއާރްޕީގެ ރިޔާސީ ޓިކެޓް ތަސްމީނަށް ދެއްވި ކަމަެވެ. ނަމަވެސް އެދުވަހު ތަސްމީން މަޢުމޫނާމެދު ކަންތައް ކުރެއްވިގޮތް ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.
"އެހެންވީމަ މީގެ ތެރޭގައި އިންސާނިއްޔަތުކަން ނެތި ޔާމީނުގެތޯ؟ ތަސްމީނުގެތޯ؟ މީ ވަރަށް ރަނގަޅަށް އަޅާ ކިރާލެވިދާނެ ކަމެއް. މަޢުމޫނާއި ދޭތެރޭގަ ތަސްމީން ކަންތައް ކުރެއްވިގޮތް އެއީ މާބޮޑަށް އިންސާނިއްޔަތުކަމާ އަޅާކިޔަންޏާ އަޅުގަނޑުމެނަށް ވާހަކަދެއްކިދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އަބްދުއްރަހީމް ވަނީ މިއަދު މަޖިލީހުގައި އާޒިމާ ޝަކޫރަށް ރުހުން ދިނުމާއިމެދު ޕީޕީއެމުން ވޯޓު ދިންގޮތް ދިފާއުކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.
"އާޒިމާ އޭރު މަސައްކަތް ކުރެއްވީ، ޔާމީނުގެ ގާނޫނީ ވަކީލެއްގެ މަޤާމުގަ. އެހެންވީމާ ޔާމީނުގެ ގާނޫނީ ވަކީލެއްގެ މަޤާމުގައި ހުންނަވައިގެން ޔާމީނަށް ދިމާވާ ކަންތައްތަކުގައި އާޒިމާ ކުރައްވާ ކަންތައްތަކަކީ އޭނާގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރައްވާ ކަންތައްތައް. މިއަދު އާޒިމާ ހުންނެވީ އެގޮތަކަށެއް ނޫން. ދެންހަމަ އެއާއެކީގަ އަޅުގަނޑުމެނަށް ޔާމީން ވަކި ގޮތަކަށް އާޒިމާއަށް ވޯޓުދޭކަށް ވެސް، އަދި ނުދޭކަށް ވެސް ވިދާޅެއް ނުވޭ،"
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، މިއަދު ޕީޕީއެމްއިން އެންމެ އިސްކަންދެނީ ރިޔާސީ ކެމްޕެއިނަށް ކަމަށާ، މަޖިލީހުގެ ވޯޓުގައި ބައެއް މެންބަރުން ބައިވެރިވެވަޑައިނުގެންނެވީ ވެސް އެހެންވެގެން ކަމަށެވެ.
މީގެ އިތުރުން ރޭ ވީޓީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ޕީޕީއެމްގެ ކުރީގެ ނާއިބް ރައީސް އުމަރު ނަސީރު ޔާމީނަށް ފާޑުވިދާޅުވެފައިވާތީ އެކަން ކުށްވެރި ކުރައްވާ، އަބްދުއްރަހީމް ވަނީ އެއްވެސް މީހަކީ އަނެކަކަށް ވޯޓް ނުލުމަށް ގޮވާލައިގެން ވާނެ މީހެއް ނޫން ކަމަށާ، ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވާނީ އެމީހަކު ތާޢީދުކުރާ ކެނޑިޑޭޓަކަށް ވޯޓު އިތުރު ކުރުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ