ޝަހީދު އިރާނަށް ވަޑައިގަތުމަށް ހުއްދައެއް ނުދިން

އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތައް ބެލުމަށް އ.ދ އިން އިރާނަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު އިރާނަށް ވަޑައިގަތުމަށް އީރާނުގެ ހުއްދައަކަށް އެދިފައިވާ ކަމަށާއި ނަމަވެސް ކުރީ ފަހަރެކޭ އެއްގޮތައް މިފަހަރުވެސް އެ ހުއްދަ ދެވެން ނެތްކަމަށް އެ ގައުމުން ބުނެފި އެވެ.
"ވަކި އަތަކަށް ޖެހިގެން އިރާނާ ބެހޭގޮތުން ލިޔާ ރިޕޯޓްތައް ލިޔުއްވަމުން ގެންދަވާހާ ހިނދެއްގައި އިރާނުގެ ބިމުން ޝަހީދަކަށް ޖާގައެއް ނޯންނާނެ" އިރާނަށް ވަޑައިގަތުމަށް ޑރ. ޝަހީދު އެދުމުން އެކަމަށް ރައްދު ދެއްވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން އައްބާސް އަރާޢީ ވިދާޅުވި އެވެ.
އިރާނަށް ވަޑައިގަތުމަށް އެގައުމުގެ ރައީސް ހަސަން ރޫހާނީއަށް ޑރ. ޝަހީދު ދެ ސިޓީއެއް ފޮނުއްވާފައިވާކަމަށްވެސް އަރާޢީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިރާނުން ތަކުރާރުކޮށް ބުނަމުންދަނީ ވަކި އަތަކަށް ޖެހޭ ބޭފުޅަކު އެގައުމަށް އަރުވަން ބޭނުން ނުވާ ކަމަށެވެ.
އިރާންގެ އިންސާނީ ހައްގުތަކާބެހޭ މައްސަލަތައް ބެލުމަށް އދ. އިން ޑރ. ޝަހީދު އައްޔަން ކޮށްފައިވަނީ 2011 ވަނަ އަހަރުގައެވެ. އަދި އޭގެ ފަހުން ޑރ. ޝަހީދު މައުލޫމާތު ހޯއްދެވުމަށް އިރާނަށް ވަޑައިގަންނަވަން ބޭނުންވާ ކަމަށް ވިދާޅުވާ ކޮންމެ ފަހަރަކު އިރާނުންވަނީ އެކަމަށް ނޫނެކޭ ބުނެފައެވެ. އިރާނުން ބުނަނީ ޑރ. ޝަހީދު ރިޕޯޓްތައް ލިޔުއްވުމުގައި މައުލޫމާތު ހޯއްދަވަނީ އިދިކޮޅު ފަރާތްތަކާ އަމިއްލަ ޖަމާއަތްތަކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ