ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ހިލާފަށް ބާއްވާ އިންތިޚާބެއް ގަބޫލެއް ނުކުރާނަން: ޕީޕީއެމް

ސުޕްރީމް ކޯޓުގެ ގައިޑްލައިންތަކަށް ބަލައިގެން ރިޔާސީ އިންތިޚާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ނަމަވެސް އެ ގައިޑްލައިނާ ހިލާފަށް ބާއްވާ އިންތިޚާބެއް ގަބޫލުނުކުރާނެ ކަމަށް ޕީޕީއެމުން ރޭ ބުނެފި އެވެ. ނަސަންދުރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާރިފް ވިދާޅުވީ ސުޕްރީމް ކޯޓުން ދީފައިވާ 16 ޕޮއިންޓުގެ ގައިޑްލައިނަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އެކުލަވާލާފައިވާ ގައިޑްލައިނެއް ކަމަށާއި އެއަށް ފުރިހަމައަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، އެ ގައިޑްލައިނާ ހިލާފަށް ބާއްވާ އިންތިޚާބެއް ގަބޫލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިއްޔެ ބާއްވަން އޮތް އިންތިޚާބު ނުބޭއްވުނީ އިލެކްޝަންސް ކޮމިޝަނުން ކަންތައް ކުރި ގޮތުން ކަމަށް ތުހުމަތުކުރައްވަމުން އަލީ އާރިފް ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ހިލާފަށް އިންތިޚާބު ބާއްވަން "50 ފަހަރު" މަސައްކަތްކުރި ނަމަވެސް އެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމުން އެދެނީ ވީހާ ވެސް އަވަހަކަށް އިންތިޚާބު ބާއްވަން ކަމަށާއި ނަމަވެސް އެ އިންތިޚާބަކީ ސައްހަ އިންތިޚާބަކަށް ހަދަން ޖެހޭނެ ކަމަށެވެ. "ކަނޑައެޅިގެން މީގަ މާ ބޮޑު އެދުމެއް އޮތީކީ ވެސް ނޫން. ސުޕްރީމް ކޯޓުން މި ބުނަނީ ތިން ކެންޑިޑޭޓުންނޭ މިތިބީ އެ ތިން މީހުން ލިސްޓުތައް ބަލައިފަ، އެ ސައްހަ ކަމަށް ސޮއިކުރީމަ އެ ލިސްޓުތައް ފޮނުވާފަ އިންތިޚާބު ބާއްވާށޭ. މިވަރުގެ ކުޑަކުޑަ ކަމަކާ ދެކޮޅު މިހަދަނީ ކީއްވެގެންތޯ؟ އެހެންވީމަ، 50 ފަހަރު ކުރިއަސް މި ގައިޑްލައިނާ ހިލާފަށް ކުރެވޭ އެއްވެސް މަސައްކަތެއް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާ މެދު ރައްޔިތުންގެ ހިތްތަކުގައި ގިނަ ޝައްކުތަކެއް އުފެދިފައިވާ ކަމަށެވެ. ޝައްކު އުފެދެން ޖެހުނީ އިލެކްޝަންސް ކޮމިޝަނުން ޖެއްސުން ކުރުމުގެ އަމަލުތައް ކުރުމުން ކަމަށާއި އެެހެންކަމުން އެ ކޮމިޝަންގެ މަސައްކަތްތަކާ މެދު އިތުބާރުކުރަން އުދަނގޫވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މަހުލޫފު ވެސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑްލައިނަށް ތަބާވުމަކީ އިލެކްޝަންސް ކޮމިޝަނުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ މަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ސުޕްރީމް ކޯޓުގެ ހުކުމުން ސާބިތުވެފައިވާ އިރު އެ ކޯޓުން ދީފައިވާ ގައިޑްލައިނަށް ތަބާވުމަކީ މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް މުހިއްމު ކަމެއް ކަމަށެވެ. "ގާނޫނީ ގޮތުން މަޖުބޫރުކޮށްފައި، ލާޒިމުކޮށްފައި އޮތް ކަމެއްގެ ވާހަކަ މިދައްކަނީ. އަނެއްކާ އަޅުގަނޑުމެން މިދައްކަނީ ޕީޕީއެމަށް ރަނގަޅު ގޮތް ހަދައިދޭށެކޭ ނޫން. އަޅުގަނޑުމެން މިދައްކަނީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީއަށާއި އެމްޑީޕީއަށް ވެސް ރަނގަޅު ގޮތް ހަދައިދޭށޭ. ކެންޑިޑޭޓުންނަށް ރަނގަޅު ގޮތް ހަދައިދޭށޭ،" އޭނާ ވިދާޅުވި އެވެ. ޕީޕީއެމުން ބުނި ގޮތުގައި އެ ޕާޓީގެ ވިސްނުމަކީ ވީހާ ވެސް އަވަހަކަށް އިންތިޚާބު ބާއްވައި، ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ނޮވެމްބަރު 11ގައި އިންތިޚާބު ކާމިޔާބުކުރައްވާ ކެންޑިޑޭޓަކާ ވެރިކަން ހަވާލުކުރުމެވެ. ނަމަވެސް، އެ ޕާޓީން ކުރިން ވެސް ފާހަގަކޮށްފައިވާ ގޮތަށް ރީ-ރެޖިސްޓްރޭޝަންގެ މައްސަލަތައް ހައްލުކޮށް، ރެޖިސްޓްރީކުރުމަށް ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން 10 ޕަސެންޓް ފޯމުގެ އިނގިލީގެ ނިޝާނުގެ ސައްހަކަން އިންތިޚާބުގެ ކުރިން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ. ކޯޓުގެ ގައިޑްލައިނާ ހިލާފަށް ބާއްވާ އިންތިޚާބެއް ގަބޫލުނުކުރާނެ ކަމަށް ޕީޕީއެމުން ބުނި އިރު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ރޭ ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑްލައިންތަކަށް ބަލައިގެން އިންތިޚާބެއް ނުބޭއްވޭނެ ކަމަށާއި ދެން "އިންތިޚާބު ބާއްވާ ނަމަ ފަސޭހައިން އިންތިޚާބު ބޭއްވޭނެ ގޮތްތަކެއް ދައުލަތުން ހޯދައިދޭން ޖެހޭނެ" ކަމަށެވެ. އޭނާ ވިދާޅުވީ ކޮމިޝަންގެ މައްޗަށް އެހެން ބައެއްގެ ބާރު ނުފޯރުވޭ ގޮތަށް ކަންކަން ހަމަޖައްސަން ޖެހޭ ކަމަށާއި އިންތިޚާބެއް ބޭއްވުމަށް ބަލަންޖެހޭނީ ހަމައެނި އިންތިޚާބުތަކާބެހޭ ގާނޫނަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ