ގުރުއާން ކިޔެވުމުގެ ރަން ވަނަތައް ހޯދާ ފަރާތްތަކުގެ ގުރުއާން ކިޔެވުމުގެ އަޑު ގިނައިން އިވޭނެ ގޮތެއް ހައްދަވައި ދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.
އަށާވީސް ވަނަ ގައުމީ ގުރުއާން މުބާރާތުގެ އިނާމު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގައި ރީތިކޮށް ގުރުއާން ކިޔަވާ ކުދިންނާއި މީހުންނާއި ގުރުއާން ހިތުދަސް ކުރާ މީހުން ދުވަހުން ދުވަހަށް އަދަދު އިތުރުވި ނަމަވެފަދަ މީހުންނާއި ކުދިންގެ ގުރުއާން ކިޔެވުމުގެ އަޑު އިވޭލެއް މަދު ކަމަށެވެ.
"ގުރުއާން ކިޔެވުމުން މަތީ ވަނަ ހޯދާ ކުދިންނާއި މީހުންގެ ގުރުއާން ކިޔެވުމުގެ އަޑު އިވޭލެއް ވަރަށް މަދު މިކަމަށް ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި މިޑިއާ އާއި އަމިއްލަ ފަރާތްތަކުން ވަރަށް ބޮޑު ސަމާލު ކަމެއް ދޭން ޖެހޭ ކަމަށް އަޅުގަނޑު ފާހަގަ ކުރަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުންނާއި އެނޫން ފަރާތްތަކުން ބާއްވާ އެކިއެކި ޖަލްސާތަކާއި ރަސްމިއްޔާތުތަކުގައި ގުރުއާން ކިޔެވުމުގެ ފުރުސަތު އެފަދަ ފަރާތްތަކަށް ލިބޭނެ އިމްތިޒާމްތަކެއް ހަމަޖެހުމުގެ މުހިންމުކަން އިހުސާސް ކުރެއްވޭ ކަމަށާއި ރާއްޖޭގެ ރޭޑިއޯ ސްޓޭޝަންތަކާއި ޓީވީ ސްޓޭޝަންތަކުން އެފަރާތްތަކަށް ފުރުސަތު ލިބޭނެ ގޮތް ހަމަޖެހުމުގެ ބޭނުންތެރިކަން ވެސް ވަޒަން ކުރެއްވޭ ކަމަށެވެ.
"ކުރިޔަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް. ކަމަށް ވުމާއެކު އެފަދަ ފަރަތްތަކަށް އެކިއެކި ޕްރޮގްރާމްތަކުން އެ ފުރުސަތު ލިބޭނެ ގިތަށް މަސައްކަތްކޮށް ދެއްވުމަށް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަޅުގަނޑު އިލްތިމާސް ކުރަން،"
ގުރުއާނުން ވަނަ ހޯދާ މީހުންގެ އަޑު ގިނައިން އިވޭނެ ގޮތް ހަދަން ރައީސް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ