އެމްޑީޕީގެ ވައުދުގެ ދަތުރު ރާއްޖޭގެ އުތުރުގެ ރަށްރަށަށް މިއަދު ހަވީރު ފުރަނީ

ވައުދުގެ ދަތުރުގެ ނަމުގައި އެމްޑީޕީން 2008 ވަނަ އަހަރު ވެފައިވާ ވައުދުތައް ފުއްދުނު މިންވަރު ބެލުމަށާއި ރައްޔިތުން އެކަންތައްތައް ބަލައިގަތް މިންވަރު ދެނެގަތުމައްޓަކާ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރުމަށް ނިންމާފައިވާ ދަތުރުތަކުގެ ތެރެއިން އުތުރަށް ކުރާ ދަތުރުގައި މިއަދު ހަވީރު ފުރުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.
މިއަދު ހަވީރު ހަތަރެއް ޖަހާއިރު ޓީޖެޓީ ސަރަހައްދުން ފަށާ މިދަތުރުގައި ހއ،ހދ،ގެ އިތުރުން ށ އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށަކަށް ދިއުމަށް އެޕާޓީންވަނީ ނިންމާފައެވެ.
އެމްޑީޕީން މައުލޫމާތުދޭ ގޮތުގައި އުތުރަށް ކުރާ ދަތުރުގައި ބައިވެރިވުމަށް މިހާތަނަށް 230 ވުރެ ގިނަ މީހުންވަނީ ނަންނޯޓުކޮށްފައެވެ.
"އިތުރަށް ވެސް މީހުންދަނީ އެދެމުން، އަޅުގަނޑުމެން މިދަނީ ބަލަމުން ހުރިހާ އެންމެންނަށް ވެސް ޖާގަ ދެވޭތޯ" އެމްޑީޕީގެ އޮފިޝަލު ވިދާޅުވިއެވެ.
އެމްޑީޕީން ދެކުނަށް ކުރި ދަތުރުގައި ވެސް 250 މީހަކު ބައިވެރިވެފައިވެއެވެ.
ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު އެނބުރި މާލެ އައުމަށް ހަމަޖައްސާފައިވާ މިދަތުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭތުގެ އިތުރުން އެޕާޓީގެ އިސްފަރާތްތަކުން ބައިވެރިވާނެ ކަމަށް އެޕާޓީން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ